އިންޑިއާއިން ރާއްޖޭގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާފައެއް ނުވޭ: ނަޝީދު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިންޑިއާ ސަރުކާރުން އެހީވިކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން، އިނޑިއާއިން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވުމުން އެމަނިކުފާނު އެކަން ދޮގުކުރައްވައިފިއެވެ.
ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޫހެއް ކަމުގައިވާ "އިންޑިއާ ޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާ ކަމަށާއި ނަމަވެސް އިންޑިއާގެ އޮފިޝަލުންނާއި ޑިޕްލޮމެޓިކުން އެގޮތަށް ގާބޫލު ނުކުރާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިންޑިއާގެ އޮފިޝަލުންނާއި ޑިޕްލޮމެޓިކުން މަގުފަހިކޮށްދީފައިވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވުނީ އެބޭފުޅުންގެ އެހީތެރިކަމާއެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އިންޑިއާއިން ރާއްޖޭގެ މިދިޔަ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވި ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިންޓަވިއުގައި އެމަނިކުފާނު ދެއްކެވި ވާހަކަތައް ބައެއް ބޭފުޅުން އޮޅުވާލާފައިވާ ކަމަށާއި އިންޑިއާއިން އެއްވެސް އިރަކު ރާއްޖޭގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން އެހީވިކަމަށް ވިދާޅުވެފައިވާނީ 2018 ވަނަ އަހަރުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިންޑިއާ ހިމެނޭގޮތަށް ބައިނަލްއަގުވާމީ ގިނަ ގައުމުތަކުން ރާއްޖޭގެ އޭރުގެ ސަރުކާރުގެ ފަރާތުން ކުރި ޑިމާންޑުތަކަށް އަލިއަޅުވާލައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިންތިހާބު އިންސާފުވެރިކަމާއި މިނިވަންކަމާއެކު ބޭއްވުނީ އެބޭފުޅުންގެ ޕްރެޝަރުން ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ