2018 ގައި ރައީސް ޔާމީނަށް ލިބުނީ 96،000 ވޯޓު ނޫންކަން މިއޮތީ ފަޅާއަރާފައި: މުންދު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ އިދިކޮޅު ސިޔާސީ ލީޑަރު އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96000 ވޯޓު ނޫންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން އެނގި ހާމަވެ ބޭރު ބައެއްގެ އެހީތެރިކަމާއެކު އިންތިޚާބު ވަގަށް ނަގާފައިވާކަން ފަޅާއަރައިފި ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.އިދިކޮޅުން 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރިޔާސީ ކެނޑިޑޭޓް ގެ ގޮތުގައި ވާދަކުރައްވާ ރައީސް ޔާމީން ނުހައްގުން ޖަލަށް ލުމާއި ދެކޮޅަށް އަޑު އުުފުލުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ ރައީސް ޔާމީންކަން މިއަދު އެނގި ހާމަވެގެން ގޮސްފިކަމަށެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވުނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި އެހެނިހެން އޮފިޝަލުން ކޮށްދެއްވި މަސައްކަތްތަކުން ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ ނަޝީދު ވިދާޅުވިގޮތުގައި އިންޑިއާގެ ސަރުކާރުން 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް މަގުފަހިކޮށްދިނެވެ. އެގޮތުން އިންޑިއާގެ ޑިޕްލޮމެޓުން އެކަން ކޮށްދިނުމުގައި ވަރަށް ވިސްނުންތޫނު ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ ނަޝީދު އާންމު ގޮތެއްގައި ދައްކަވަން ބޭނުންފުޅު ނުވާ ބާވަތުގެ ވާހަކަތަކެއްކަންވެސް އަމިއްލަފުޅަށް ވަނީ ވިދާޅުވެފައެވެ.މިކަމާ ގުޅިގެން މުންދު ވަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަން ނަޝީދު އަމިއްލަފުޅަށް އިއުތިރާފްވެފައިވާ ކަން ހާމަކުރައްވާފައެވެ."ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ ރައީސް ޔާމީންކަން މިއޮތީ އެނގި އޮޅުންފިލާ ވަރަށް ސާފުވެފަ." މުންދު ވިދާޅުވިއެވެ.ރައީސް ޔާމީނަކީ ހަމައެކަނި ތަރައްގީގެ ބާނީ ނޫންކަން ފާހަގަކުރައްވާ މުންދު ވަނީ އެމަނިކުފާނަކީ މިހާރު ރާއްޖޭގައި ސިޔާސީގޮތުން އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ލީޑަރުކަން ހާމަކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް 150،000 ވޯޓު ލިބިވަޑައިގަންނަވާނެކަމަށް އިންތިޚާބުގެ ތެރޭގައި ދެކުވެނު ވާހަކަތައް ޔަގީންވެ ކަށަވަރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ."ރައީސް ޔާމީނަކީ ސިޔާސީގޮތުންވެސް އެންމެ ފުންނާބު އުސް އެންމެ ގިނަ ތާއީދު ލިބިވަޑައިގެން ހުންނެވި ލީޑަރުކަން މިއޮތީ ސާފުވެފަ" މުންދު ވިދާޅުވިއެވެ.މުންދު ވިދާޅުވިގޮތުވައި ރާއްޖޭގެ ރައްޔިތުން އޭރުވެސް އަދި މިހާރުވެސް ތިބީ ރައީސް ޔާމީނާއި އެއްކޮށެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ ވޯޓު އެެމްޑީޕީއިން ފޭރެމުންދާކަން ފާހަގަކުރައްވާފައެވެ. މުންދު ހާމަކުރެއްވިގޮތުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވަރަށް ރަނގަޅަށް ފާރަވެރިވާން ރައްޔިތުން ޖެހޭނެއެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ކަންކަން ވަރަށް ގާތުން އިދިކޮޅު ކޯލިޝަނުން ބަލާނެކަން އޭނާ ހާމަކުރެއްވިއެވެ."ފާރަވެރިވާތި. ވަރަށް ރަނގަޅަށް ބައްލަވާތި. މިފަހަރު ގެންދިޔް ނުދެއްވާތި. މިފަހަރު ތިބޭފުޅުންގެ ވޯޓު އަޅުގަނޑުމެން ގާތުން ބާލަނަން". މުންދު ވިދާޅުވިއެވެ.މީގެ އިތުރުން މުންދު ވަނީ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލޫ ޝަހުސިއްޔަތަކީ ރައީސް ޔާމީންކަން ފާހަގަކުރައްވާ އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ