ރަޝީދަކީ ދަންނަ މީހެއް ނޫން، މައުމޫން ހަމީދު އުޅެނީ ޝަރީއަތް ސިޔާސީ ކުރަން: ޒާހިދު

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިިސްމާއިލް ރަޝީދަކީ ދަންނަ މީހެއް ނޫން ކަމަށާއި، މައުމޫން ހަމީދު އުޅެނީ ޝަރީއަތް ސިޔާސީ ކުރަން ކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ވިދާޅުވެއްޖެއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުން ޒާހިދު ރަމީޒުގެ ނަން ހުށަހެޅުމާ ގުޅިގެން އޭނާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދުގެ ނަން، ވަކީލު މައުމޫން ހަމީދު ކުރިމިނަލް ކޯޓަށް ހުށަހެޅުއްވި ވާހަކަ އަޑުއެހީ ހައިރާންކަމާ އެކު ކަމަށެވެ. އަދި އިސްމާއީލް ރަޝީދަކީ ޒާހިދު އެއްވެސް ވަރަކަށް ދަންނަ މީހެއް ނޫން ކަމަށާއި ދުވަހަކުވެސް ބައްދަލުވެ ވާހަކަ ދައްކާފައިވެސް ނުވާނެ ކަމަށެވެ.
ޒާހިދު އިތުރަށް ބުނެފައިވަނީ ޔާމީން ރަޝީދުގެ މަރާ އޭނާއާ ގުޅުމެއް ވާކަމަށް ބުނެ އާނާގެ އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އޭނައާއި އޭނާ ނިސްބަތްވާ، ޕީޕީއެމް ބަލިކަށިކުރުމަށް އެފަދަ ދޮގު އިލްޒާމު ބޮލުގައި އަޅުވަމުންދާތީ ހިތާމަކުރާކަމަށް ޒާހިދު ވިދާޅުވިއެވެ.
ބާ ކައުންސިލުގެ ރައީސް ފަދަ ގަދަރުވެރި މަގާމެއްގައި ހުންނަވައި މައުމޫން ހަމީދު، ޒާހިދުގެ ނަން ކިލަނބުކޮށް، ޔާމީން ރަޝީދުގެ ޝަރީއަތް ސިޔާސީ ކުރަން މަސައްކަތް ކުރާ ކުރުން އޭނާ ވަނީ އަރުއަޑުން ކުށްވެރިކޮށްފައެވެ. އަދި އޭނާ ފަދަ، ޔާމީން ރަޝީދުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް، އެ މައްސަލައިގައި ފުލުހުންވެސް އަދި ޕީޖީ އޮފީހުންވެސް ސުވާލުކޮށްފައި ނުވާ މީހަކު ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން އެދުމުން، އެކަމުން ޔަގީން ވަނީ އެ މައްސަލައިގެ ދައުވާއިން އިސްމާއިލް ރަޝީދު ބަރީއަތްވާން ބޭނުންވާ ވަރަށް ހެކި ނެތްކަން ކަމަށްވެސް ޒާހިދުގެ ބަޔާނުގައި ބުނެފައި ވެއެވެ.
"މައުމޫން ހަމީދުގެ އަންހެނުންގެ ކޮއްކޮ ކުށުން ސަލާމަތްވާން ބޭނުންވާ ވަރަށް ހެކި ނެތުމަކީ އަހަރެންގެ ކުށެއް ނޫން." ކަމަށް ޒާހިދުގެ ބަޔާނާއެކު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި އާއިލީ ޖަޒުބާތުގައި ޖެހިވަޑައިގެން، މި މައްސަލައިގައި އިތުރަށް ފަލީހަތް ނުވަނީސް އިސްމާއިލް ރަޝީދުގެ ވަކީލުކަމުން އިސްތިއުފާ ދެއްވުމަށް މައުމޫން ހަމީދަށް ޒާހިދު ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އިއްޔެ ކުރިމިނަލް ކޯޓުގައި އޮތް ޔާމީން ރަޝީދުގެ މައްސަލައިގެ ޝަރީއަތުގައި، ދައުވާކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ތިން ސިއްރު ހެކިން ހެކިބަސް ދިނުމަށް ވަނީ ދެކޮޅުހަދާފައެވެ.
ގާޒީ ވިދާޅުވީ އަންނަ މަހު 15 ގައި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އޮންނާނެ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.
ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ