2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފިއެެވެ.
ގާޒީ ހައްޔަރުކުރި މައްސަލައިގައި ޒިޔާދުގެ ޝަރީއަތް އޮންނާނީ މިއަދު މެންދުރު ފަހު ދޭއް ޖަހާއިރުއެވެ. މިއަދު ބާއްވާ އަޑުއެހުމުގައި ވެސް އޮންނާނީ ހެކި ހުށަހެޅުމާއި ހެކިންގެ ހެކި ބަސް ނެގުމެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ސިފައިންނަށް ހުރިހާ އަމުރެއް ކުރީ އެމްއެންޑީއެފް މާލެ އޭރިޔާގެ ކުރީގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރިމް މުހައްމަދު ދީދީ ކަމަށާއި، ދީދީއަށް އެކަން އެންގީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް ޒިޔާދު ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.
އަދި ދައުލަތުން ކުރާ ޓެރަރިޒަމްގެ ދަޢުވާއަށް ކާނަލް ޒިޔާދު ވަނީ އިންކާރު ކުރައްވާފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ޒިޔާދުގެ ދިފާޢީ ވަކީލު ވަނީ، މި ދައުވާ ކުރަނީ ކޮން އިދާރާއެއްގެ ތަހްޤީޤެއްގެ މައްޗަށް ބަލާފައިތޯއާއި، ޒިޔާދު ކުރެއްވި ކުށަކީ ކޮބައިތޯއާއި، އޮޕަރޭޝަނެއްގައި ބައިވެރިވާ އެންމެ މަތީ މީހާއާއި ސްޓާފުންގެ ތަފާތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.
ޖަވާބުގައި ޝަރީޢަތުން ބުނެފައި ވަނީ، ޝަރީޢަތް ކުރެވެނީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހްޤީޤަށް ބިނާކޮށް ކަމަށެވެ. އަދި ޒިޔާދުގެ ކުށަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދެވަނަ މާއްދާގެ ށ ގެ ދަށުން، މީހަކު ގަދަކަމުން ފޮރުވުން ކަމަށެވެ. އަދި ރޭވުން ނުވަތަ ބައިވެރިވުން ފަދަ ކޮންމެ ނަމެއް ކީ ނަމަވެސް، ކުށެއްގައި ބައިވެރިވެއްޖެ ނަމަ ޤާނޫނު ކުރިމަތީގައި ހަމަހަމަވާނެ ކަމަށް ޝަރީޢަތުން ބުންޏެވެ.
ޝަރީޢަތުގައި ޒިޔާދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ޤައުމީ ސަލާމަތަަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ކަމަށާއި، އެ އޮޕަރޭޝަން ހިންގުމުގެ އޯޑަރު އައީ ޒިޔާދަށް ވުރެ މަތީ މަޤާމަކުން ކަމަށާއި، ޒިޔާދަކީ އޭނާއަށް އަމިއްލައަށް އަމުރު ނެރެވޭ މީހަކަށް ނުވާ ކަމަށެވެ.
ޒިޔާދު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުގެ ފަރާތުން ވަނީ ޒިޔާދާއި ދެކޮޅަށް ހެކި ހުށަހަޅުއްވާފައެވެ.
ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ އާއި ލެފްޓިނެޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި ފަސްޓު ލެފްޓިނެންޓު އަލީ އިހުސާނާއި ލެފްޓިނެންޓް ކާނަލް އަބްދުލް މަޖީދު އިބްރާހީމާއި ފަސްޓް ލެފްޓިނެންޓު އިބްރާހީމް ނަސީމް އާއި ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފާއި މޭޖާ ނެޖެރަލަ އިބްރާހީމް ރަޝީދާއި ވޮރަންޓް އޮފިސަރު އާއިޝަތު ޒީނާ ހިމެނިވަޑައިގަންނަވައެވެ.
ޒިޔާދުގެ ފަރާތުން ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފައެވެ. އެގޮތުން އޭނާގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝާމާލު އާއި ކެޕްޓަން އަބްދުލް މުއީޒު މުސްތަފާ އާއި ސާޖަންޓް ފަސްޓްކްލާސް އަބްދުﷲ ޝަރީފް އާއި ކެޕްޓަން ހުސައިން ރިޔާޒު ހިމެނިވަޑައިގަންނަވައެވެ.
ގާޒީ ހައްޔަރުކުރި މައްސަލައިގައި ޒިޔާދުގެ ޝަރީއަތް މިއަދު 2 ޖަހާއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ