މާލެއަށް ކަރަންޓު ލިބެން ފަށައިފި، އެއްކޮށް ލިބެން ގަޑިއެއްހާއިރު ވާނެ

‏ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ ތެރޭގައި މުޅި މާލެއިން ކަރަންޓު ކެނޑިފައިވީ ނަމަވެސް މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބެން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ‏މިހާރު ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގަޑިއެއްހާއިރު ހޭދަވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. މި މަސައްކަތް ކުރަމުން ދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން އޮތީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް މިއަދު ހެނދުނު ފަށާފައި ވާއިރު މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން 5:00 އަށެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެ އާއި ހުޅުމާލެ 1 ކަރަންޓަކުން ގުޅާލާފައެވެ.
ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ