ގާނޫނާ ހިލާފަށް ހެކި ހޯދާ 10 ފުލުހެއް ފާހަގަކުރެވޭ: ޕީޖީ

ތަހުގީގުތަކަށް ހެކި ހޯދުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ހޯދާ ކަމަށް ފާހަގަކުރެވޭ 10 ފުލުހެއްގެ މައްސަލަ ފުލުހުންގެ އިދާރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި ގާނޫނާ ހިލާފަށް ހެކި ހޯދުމާ ގުޅިގެން ބޮޑެތި ކުށްވެރިން ކޯޓު ތަކުން ދޫކޮށްލާ މައްސަލަތައް ދޭތެރެދޭތެރެއިން ކުރިމަތިވެ އެވެ.
ޕީޖީ ހުސައިން ޝަމީމް ހާޒިރުކޮށްގެން މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް ބައެއް މެންބަރުން ވަނީ އެ މައްސަލަ ފާހަގަކުރައްވާފަ އެވެ.
އެގޮތުން އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެ ދުވަހު ވިދާޅުވީ ގާނޫނީ އިޖުރައާތުތަކާ ހިލާފަށް ފުލުހުން ހެކި ހޯދުމާ ގުޅިގެން ކުށްވެރިން ކޯޓު ތެރެއިން ދޫކޮށްލަން ޖެހުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ބައެއް ހައްގުތައް ގެއްލި ނުރައްކަލުގެ ތެރެއަށް ބަޔަކު ވެއްޓިގެންދާ ކަމަށެވެ.
މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެފަދަ މައްސަލަތައް އެމަނިކުފާނަށް ވެސް ފާހަގަކުރެވޭތީ އެކަން ބަލަމުންދާ ކަމަށެވެ. އެގޮތުން ގާނޫނާ ހިލާފަށް ހެކި ހޯދާ 10 ފުލުހެއްގެ މައްސަލަ ފާހަގަކުރެވި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
"މައްސަލަތަކުގައި އިޖުރާއީ ގޯސްތައް ހައްދަވާ ފުލުހުންގެ މައްސަލަތައް ނިޒާމީ ސިފައެއްގައި ފުލުހުންނާ ހިއްސާކުރެވޭނެ ގޮތެއް ގާއިމުކުރެވިފައިވާތީ އެކަން ރަނގަޅުކުރުން އެބަ ކުރިއަށްދޭ،" ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކޯޓު ތަކުން ވެސް ބައެއް މައްސަލަތައް އިޖުރާއީ މައްސަލަތަކުގެ ގޮތުގައި ދައުލަތާ ދެކޮޅަށް ނިމެމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް އެހެން ދިމާވާ ގޮތް ބަލައި އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ