ހިޔާ ފްލެޓުގައި ކަރަންޓު މީޓަރު ހަރުކުރުމުގެ ހުރިހާ ކަމަކަށް ނަގާނީ 300 ރުފިޔާ: ސްޓެލްކޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުތަކުގެ ފުލެޓުތަކުގައި ކަރަންޓު މީޓަރު ހަރުކުރުމަށް ފީއެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިހެން ބުނެފައި ވަނީ، ކަރަންޓު މީޓަރު ހަރުކުރުމަށް ސްޓެލްކޯ އިން 2000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް ބުނެ ހިޔާ ފްލެޓު ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއަކުން ދައްކަމުންދާ ވާހަކައަކާ ގުޅިގެންނެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލު ”ހަފްތާ“ އަށް މިއަދު ވިދާޅުވީ، ކަރަންޓު މީޓަރު ހަރުކުރުމަށް ނަގާނީ 300 ރުފިޔާ ކަމަށެވެ. އެއީ ކަނެކްޝަން ފީ އާއި ކަރަންޓު ދިނުމަށް ދޭންޖެހޭ ހުރިހާ ހިދުމަތަކާ އެކު ނަގާ ފީއެއް ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ، މީޓަރު ހަރުކުރުމަށް ނަގަން ނިންމާފައިވާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކޮށްފައިވީ ނަމަވެސް، އެތަނަށް އަދި ކަރަންޓެއް ނުލެވެ އެވެ. އެއީ ކޮވިޑާ ގުޅިގެން އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުންޏަށް ދިމާވި ދަތިތަކަކާ ގުޅިގެންނެވެ.
ނަމަވެސް ސްޓެލްކޯގެ އެހީތެރިކަމާ އެކު އެ ކުންފުނިން މިހާރު ވަނީ ފުލެޓުތަކަށް ކަރަންޓު ސަޕްލައި ކުރުމުގެ މަސައްކަތް ނިންމާލައިފަ އެވެ. އަދި މިދިޔަ ހަފުތާ ތެރޭގައި ސްޓެލްކޯ އިން ވަނީ ފްލެޓުތަކަށް ބޭނުންވާ ކަރަންޓު ދިނުމަށް ޓްރާންސްފޯމަރުތައްވެސް ބަހައްޓައި، ލައިވްކޮށްފަ އެވެ.
އެޗްޑީސީން މިހާރު ބުނާ ގޮތުގައި، ހިޔާ ފްލެޓުތަކަށް ކަރަންޓު ގުޅާލުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނިމޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ