މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހަޅަން ހުޅުވައިލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 16ގެ ނިޔަލަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ 4 ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކެވެ. މި ގިންތީގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ އެ މަރުކަޒުން ދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު ދެއްވާ ހަތަރުވަނަ ގިންތިއަކީ ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރި ކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، ސެޕްޓެންބަރު 16، 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ހާއްްސަ އިނާމު ދެއްވާނީ ޖުމްހޫރީ، ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ