ޕީޕީއެމްއިން މައުމޫނު ވަކިކުރުމާމެދު ސުލޫކީ ކޮމިޓީން މިރޭ ގޮތެއް ނިންމަނީ

ޕީޕީއެމްގެ މެމްބަރުކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކި ކުރަން ޕާޓީގެ ކައުންސިލުން ހުށަހެޅި މައްސަލާގައި މިރޭ ގޮތެއް ނިންމާނެ ކަމަށް ސުލޫކީ ކޮމެޓީން ބުނެފި އެވެ.
"ކައުންސިލުން ހުށަހެޅި މައްސަލާގައި މިރޭ ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައި، މައުމޫންގެ ފަރާތްޕުޅުން ޖަވާބުދާރީ ވެވަޑައިނުގެންފި ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ނިންމާނަން،" ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ.
.މައުމޫން މަގާމުން ވަކިކުރަން ނިންމީ ދަރުބާރުގޭގައި އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ. މައުމޫން ޕާޓީން ވަކި ކުރަން ކައުންސިލުން ނިންމި އިރު، ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރު ފެކްޝަނަށް ނެތް ކަމަށް ވިދާޅުވެ މައުމޫނުވަނީ އެ ނިންމުމާއި މެދު ދެކޮޅު ހައްދަވާފައެވެ.
ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އިންތިހާބު ކުރީ 2013 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ.
އެނގިފައިވާ ގޮތުގައި މައުމޫނު ޕާޓީން ވަކި ކުރަން ނިންމީ އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.
މައުމޫނު ޕާޓީން ވަކިކުރަން ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި މައުމޫން ސޮއިކުރައްވަނީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ސިވިލް ކޯޓުގެ ހުކުމަށް ގޮންޖައްސަވައިފައި ކަމަށެވެ. އަދި ކޯޓުގެ އަމުރުގެ ދަށުން މިހާރު ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ