ޕޮލިސް ޓްރޭނިން ސްކޫލް އާރްއޭއެފް ސަރަހައްދުގައި އަޅަން ނިންމައި، ބިން ހަވާލު ކުރަނީ

ފެބްރުއަރީ 8 ގައި ރޯކޮށް އަންދާލި ހިތަދޫގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި އައްޑޫގެ އާ ހޮސްޕިޓަލް އަޅަން ނިންމާފައިވާތީ، ޕޮލިސް ޓްރޭނިން ސްކޫލް އެޅުމަށް ހިތަދޫ އާރްއޭއެފް ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އިއްޔެ ކައުންސިލް އިދާރާގައި ބޭއްވި ނިއުސް ބްރީފިންގައި ކައުންސިލަރު ހުސައިން ފަހުމީ ވިދާޅުވީ ޕޮލިސް ޓްރޭނިން ސްކޫލް އެޅުމަށް ބިން ދޫކުރަން ނިންމާފައި ވަނީ އާރްއޭއެފް ސަރަހައްދުގެ ލިންކް ރޯޑްގައި ހުންނަ އެސްޔޫއެލްގެ މަރުކަޒީ އިންޖީނުގެ އާއި ހިތަދޫ ސަރަހައްދީ ބަނދަރުގެ އޮފީސް މިހާރު ހުރި ސަރަހައްދުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުން ބިން ދޫކުރަން ނިންމައި، ބިން ވަކި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި ފުލުހުންނާ ބިން ހަވާލު ކުރާނެ ކަމަށެވެ.
ކައުންސިލުން ބުނީ އަންދާލި ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި ހޮސްޕިޓަލް އެޅުމުގެ ހިޔާލު ކައުންސިލަށް އެންމެ ފުރަތަމަ ދިނީ ފުލުހުން ކަމަށެވެ. އަދި އެއީ ހޮސްޕިޓަލް އެޅުމަށް ވަރަށް އެކަށީގެންވާ ބޮޑު ބިމެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ އެކަން ހައުސިން މިނިސްޓްރީ އަށް ކައުންސިލުން އެންގުމުން ދެ ފަރާތުގެ މައްސަލައެއް ނެތް ކަމަށްވާ ނަމަ، ޓްރޭނިން ސްކޫލް ހުރި ތަނުގައި 100 އެނދުގެ އާ ހޮސްޕިޓަލް އެޅުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ