ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަތަކުގެ އަދަދު އިތުރުވެއްޖެ

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ އިތުރުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އެ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރު އެ ކޯޓުން ނިންމީ 1512 މައްސަލަ ނަމަވެސް މިދިޔަ އަހަރު އެ ކޯޓުން ވަނީ 1664 މައްސަލަ ނިންމައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ބާވަތުގެ 771 މައްސަލަ ނިންމިއިރު ދެ ވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ އެހެން ބާވަތްތަކުގެ ކެޓަގަރީގައި ހިމެނޭ މައްސަލަތަކެވެ. އެ ބާވަތުގެ 656 މައްސަލަ ނިންމިއިރު ވައްކަމުގެ 113 މައްސަލަ ނިންމާފައިވެ އެވެ. އަދި ޗެކް ބައުންސްގެ 76 މައްސަލަ ނިންމާފައިވާއިރު ފޭރުމުގެ 14 މައްސަލަ އަދި މާރާމާރީގެ 29 މައްސަލަ މިދިޔަ އަހަރު އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
މަރުގެ ހަތަރު މައްސަލައެއް 2012 ވަނަ އަހަރު އެ ކޯޓުން ނިންމި ނަމަވެސް މިދިޔަ އަހަރު އެ ކޯޓުން ވަނީ މަރުގެ ފަސް މައްސަލައެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެކަކު މެރުމަށް ހުކުމްކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހާޒިރުކުރި މީހުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފަ އެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އެންމެ ގިނައިން ނިންމީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވާއިރު މިދިޔަ އަހަރު ބަންދާ މެދު ގޮތެއް ނިންމުމަށް އެ ކޯޓަށް އެންމެ ގިނައިން ހާޒިރުކޮށްފައިވަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް އެ ކޯޓުގެ ހިސާބުތަކުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަތަކުގެ އަދަދު އިތުރުވި ނަމަވެސް އެ ކޯޓުގައި މިދިޔަ އަހަރު މައްސަލަތައް ބެއްލެވި ފަނޑިޔާރުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ސަސްޕެންޝަންގައި ހުންނެވުމުން އެ ކޯޓުގައި މައްސަލަތައް ބަލަން ތިއްބެވީ އެންމެ ހަ ފަނޑިޔާރުންނެވެ. އެ ކޯޓަށް އަލަށް ދެ ފަނޑިޔާރަކު އައްޔަންކުރީ ވެސް މިދިޔަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ