ޖުމްހޫރީ ޕާޓީން ކޯލިޝަންގެ އެއްބަސްވުމާ ހިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ވައުދާއި އަހްދަށް ކަމޭ ނުހިތަނީ ޕީޕީއެމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގައި ހިމެނޭ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ އޭނާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަކީ ކޯލިޝަންގެ އެއްބަސްވުމުގެ ރޫހާ ހިލާފު ކަމެއް ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެފައިވާ ކަމަށެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމާ ގުޅޭ ގޮތުން ގާސިމަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަކީ އެއްބަސްވުމުގެ ރޫހާ ހިލާފުވުން ކަމަށް މައުމޫން ވިދާޅުވާ އިރު، މާ ކުރިން ޕީޕީއެމުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ސަރުކާރުގެ 35 ޕަސެންޓް ވަޒީފާ ޖޭޕީ އަށް އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ޖޭޕީގެ މަޝްވަރާ ނުހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން އެއީ މަޝްވަރާކުރަންޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަހްދާއި ވައުދު އޮތީ އޮތްތާނގައި ކަމަށް މިއަދު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިއްޖެ،" މަޖިލީހުގެ މެމްބަރުންނަށް ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ދެއްވި ފަރިއްކޮޅުގައި އޭނާ ވިދާޅުވި އެވެ.
"[އެއީ] ހަތް ގުދު އޮތް މީހާ، އެއް ގުދު އޮތް މީހާ އަށް ގުދޯގުދޯ ގޮވުން."
ކޯލިޝަން އޮތަސް، މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަކީ އެހެން ޕާޓީއެއްގެ ބޭފުޅަކަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކޯލިޝަނަށް ބުރޫ އަރާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް ކަމަކީ ކޯލިޝަންގެ އެއްބަސްވުމުގައި ނެތް ކަމެއް ކަމަށާއި އެހެންވުމުން، އެ ކަމުގައި ޖެހޭނީ މަޝްވަރާ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަޝްވަރާ ކުރެވުނު ކަމަށް ޕީޕީއެމުން ބުނި ނަމަވެސް، އެއްވެސް މަޝްވަރާއެއް ޖޭޕީއާއެކު ކޮށްފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ކަމަށް ޕީޕީއެމުން ދެ ބޭފުޅަކު ނެރުމަށް ނިންމާފައިވާ އިރު، ގާސިމް ޖެހޭނީ އެ މަނިކުފާނުގެ ނަން އަނބުރާ ގެންދަވަން ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމާއި ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވީ "ބާރު ގަދަ މީހާ ބޭނުންވާ ގޮތަކަށް ކަންކޮށްފާނެ" ކަމަށެވެ. އަދި ޕީޕީއެމުން މަސައްކަތް ކުރަމުން ދަނީ ރައީސް މައުމޫންގެ ވެރިކަމުގައި އޮތް ހުދުމުހްތާރު ނިޒާމަށް ގައުމު ގެންދިއުމެއްގެ ވިސްނުމުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. ނޫ ގާނޫނު އަސާސީ އޮތް ދުވަސްވަރުގެ އުސޫލުތަކަށް ގެންދިއުމުގެ ވިސްނުން ބައެއްގެ ހުރި ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރީގެ ދިޔަ ދުވަސްތަކުގައި، ޒަމާންތަކުގައި އޮތް ފަދަ ނިޒާމެއް ގާއިމުކުރުމަށް ބައެއްގެ ވިސްނުން ހުރި ނަމަވެސް، އަޅުގަނޑުމެން މައާފާއެކު ދަންނަވާނީ އެކަމަށް ތާއީދު ކުރެވެން ނެތޭ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުތައް ހޯދުމުގައި ޖުމްހޫރީ ޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށާއި ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކޮށް ދެމެހެއްޓުމަށް ކޮންމެ ކަމެއް ވެސް ކުރާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ވަކި އުސޫލަކަށް ގޮސް ހުސްވެފައިވާ ބައެއް ނޫން. އަޅުގަނޑުމެން އުސޫލަކީ ރައްޔިތުންނަށް ފައިދާ އާއި މަންފާ އޮތް ގޮތް. އަޅުގަނޑުމެންގެ ފަރާތަކީ ރައްޔިތުންގެ ފަރާތް. އަޅުގަނޑުމެންގެ ގޮތަކީ ރައްޔިތުންގެ ގޮތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ މަޖިލީހުގެ ރައީސް ކަމަށް ހޮއްވަވައިފި ނަމަ، ގާނޫނު އަސާސީގެ ދަށުން ހަދަންޖެހި، ނުހެދި ހުރި ހުރިހާ ގާނޫނެއް ދޮޅު އަހަރު ތެރޭގައި ނިންމާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އިތުރަށް ކަންކަންކޮށް، މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނަށް ވެސް އިސްލާހުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރޭ ފަރިއްކޮޅެއް ދެއްވި އިރު، އެ ވަގުތާ ދިމާކޮށް ޕީޕީއެމްގެ މެމްބަރުންނަށް މުލީއާގޭގައި ފަރިއްކޮޅެއް ތައްޔާރުކޮށްފައިވެ އެވެ. ގާސިމް ދެއްވި ފަރިއްކޮޅުގައި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެކަންޏެވެ.
މަޖިލީހުގެ ރައީސް ކަމުން ނަން އަނބުރާ ނުގެންދަވާނެ ކަމަށް އެ ފަރިއްކޮޅުގައި ގާސިމް ވިދާޅުވި އެވެ. އެހެން ގާސިމް ވިދާޅުވެފައި ވަނިކޮށް ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ރޭ ވިދާޅުވީ ގާސިމް ނަން އަނބުރާ ނުގެންދަވާނަމަ ކޯލިޝަން ރޫޅޭނެ ކަމަށެވެ. އަދި ސަރުކާރުގައި ހިމެނޭ ޖޭޕީގެ ބޭފުޅުންގެ ބަދަލުގައި ޕީޕީއެމްގެ މެމްބަރުން އައްޔަން ކުރުމަށް ރައީސް ޔާމީނަށް ދަންނަވާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވާދަކުރައްވާއިރު، ޕީޕީއެމުން ނެރޭނެ ކަމަށް ބުނެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހެވެ. އަދި ނާއިބު ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމެވެ.
ވައުދާއި އަހްދަށް ކަމޭ ނުހިތަނީ ޕީޕީއެމް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ