މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ހުރި ބައްތިތައް މަދުން ކަރަންޓް ބޭނުން ކުރާ ލައިޓްތަކަށް ބަދަލުކޮށް އެ ބައްތިތައް ބޭނުން ކުރަން ފަށައިިފި އެވެ.
ފެހި އަލި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރެވުނު މަސައްކަތް ރޭ އިފްތިތާހު ކޮށްދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު މަރިޔަމް ޝަކީލާ އެވެ. އަދި އެ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްއާ) ހަވާލުކުރުމުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލާ ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަތަރު ބަނދަރެއްގެ ބައްތިތައް ބަދަލުކުރަން 200 ލައިޓް އެ ރަށްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބަނދަރުތަކުގެ ލައިޓްތައް ލެޑްލައިޓަށް ބަދަލު ކުރުމުން ކަރަންޓަށް ކުރާ ހަރަދުން އަހަރެއްގެ މައްޗަށް 868،320ރ. ސަލާމަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ލެޑްލައިޓް ހަރުކޮށްފައި ހުންނަ އެ ބައްތިތައް ދިއްލުމަށް ބޭނުން ކުރާ ކަރަންޓްގެ މިންވަރު ކިތަންމެ މަދު ނަމަވެސް އެ ބައްތިތަކުގެ އަލި މަޑެއް ނޫނެވެ.
"މިކަމުގެ ސަބަބުން ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ. މިކަމުގެ ސަބަބުން މީގެ މަންފާ ސީދާ އިގްތިސޯދަށް ކުރަމުން ދާނެ،" ޝަކީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެހި އަލި ޕްރޮޖެކްޓްގެ ދަށުން ހަކަތަ މަދުން ބޭނުންކުރާ 30،000 އަށް ވުރެ ގިނަ ލެޑް ހޮޅިބުރި މާލެ އާއި އަތޮޅުތަކުގެ ސަރުކާރުގެ އިމާރާތްތަކަށް ވަނީ ބަހައިފަ އެވެ. އަދިވެސް އިތުރު ލައިޓްތައް އަތޮޅުތަކަށް ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮޖެކްޓަކީ ބަޖެޓުން 600،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ބަނދަރު ބައްތިތައް ތިމާވެއްޓާ ރައްޓެހި ބައްތި އަށް ބަދަލު ކުރުމުގެ މަސައްކަތް ކުޅުދުއްފުއްޓާއި، ގދ. ތިނަދު އާއި ފުވައްމުލަކާއި އައްޑޫގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ.
ކަރަންޓް ހަރަދު ކުޑަ ބައްތިތަކެއް އުތުރު ބަނދަރުގައި ހަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ