ދަތުރުފަތުރާބެހޭ ދާއިރާގެ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތައް އިފްތިތާހްކޮށްފި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ދަތުރުފަތުރާބެހޭ ދާއިރާގެ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތައް އިފްތިތާހްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސަތޭކަ ދުވަހުގެ ޕްލޭންގެ ދަށުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީ ކުރުމާއި، ޑޮމެސްޓިކް އެއަރޕޯޓް ތައް ތަރައްޤީކުރަން ވަނީ، ހިމަނާފައެވެ. އަދި ކަނޑާއި، އެއްގަމު ދަތުރު ފަތުރުގެ ނިޒާމް ތަރައްޤީކޮށް ކުރިއެރުވުމާއި، މުވާސަލާތާއި، އައިސީޓިގެ ދާއިރާ ކުރިއަރުވާ ތަރައްޤީ ކުރުމަށް ވެސް ސަތޭކަ ދުވަހުގެ ޕްލޭނެއް ވަނީ، އެކުލަވާލާފައެވެ.
ދަތުރު ފަތުރާއި، މުއާސަލާތުގެ ދާއިރާގެ ފުރަތަމަ ސައްތައިގެ ލަނޑުދަނޑިތައް އިފްތިތާހް ކޮށްދެއްވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ، އިޤްތިޞާދެއް ބިނާކުރުމަށް އެންމެ މުހިންމު ނިޒާމަކީ، ދަތުރުފަތުރާއި މުޢާސަލާތު ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، މި ދާއިރާ ތަރައްޤީކުރުމަށް ގިނަ ކަންތައް ތަކެއް ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓެލެކޮމިއުނިކޭޝަނާއި، އިންފޮރމޭޝަން ޓެކްނޮލޮޖީ ގުޅި ލާމެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ބޭނުންތައް ޙާޞިލްކުރުމަށް ދަތުރުފަތުރު ނުކުރެވޭ މީހަކީ، މިނިވަނެއް ނޫން ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީ އަށް ނުހޭނޭ ނަމަ އެމީހަކީ، ނުކުޅެދޭ މީހެއް ކަމަށް އެހެންކަމުން މިކަންކަން ކުރިއަރުވަން ދެމެހެއްޓެނިވި މެކޭނިޒަމް އެއް ބޭނުންވާކަމަށެވެ. އަދި މިއީ، ރާއްޖޭގެ އުފެއްދުންތެރިކަމުގައި، ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިސަރުކާރުން ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޙާޞިލް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރެއިން، ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ހުރި ކަންކަން މިހާރުވެސް ފަށްޓަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި، ސާކް ސަރަޙައްދުގައި އައިސީޓީގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ، މިނިސްޓްރީގެ ތަޞައްވުރެއް ކަމަށް ވިދާޅުވިއެވެ. މިސިޔާސަތު ތަންފީޒް ކުރުމަށް ފުރަތަމަ ސަތޭކަ ދުވަހަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ތަކަކީ، ޒަމާނީ މުއާސަލާތީ ޚިދުމަތްތަކުގެ ފެންވަރު ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމަޔަކަށް ގެނައުމާއެކު، ޚިދުމަތުގެއަގު ސާކް ސަރަހައްދުގައި ނިސްބަތުން އެންމެހެޔޮ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ހަދާ އެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުވައި ދިނުން ކަމަށެވެ.
މި ސިޔާސަތުގެ ދަށުން ޤައުމީ ބްރޯޑްބޭންޑް ޕޮލިސީ ތަޢާރަފްކުރުމާއި، މޯބައިލް ނަންބަރ ޕޯޓަބިލިޓީ ތަޢާރަފް ކުރުން ހިމެނެއެވެ. އައިސީޓީގެ ތަޢުލީމާއި، ހުނަރުވެރިކަމުގެ ފުރުޞަތުތައް ޒުވާނުންނަށް އަތޮޅުތަކުގައި ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި، ކޮމިއުނިޓީ އީ-ސެންޓަރުތައް ޤާއިމްކޮށް އައިޓީ އިންކިއުބޭޓަރގެ ޚިދުމަތް އަތޮޅުތެރެއަށް ފޯރުވައިދިނުން ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން ޕޯސްޓްގެ އަވަސް އަދި ފަސޭހަ ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން ޕޯސްޓްގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް ސަތޭކަ ދުވަހަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެތެރޭގައި، ޕޯސްޓްގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ސްކޭން މެޝިނެއް ޤާއިމްކުރުމާއި ޕޯސްޓް މެދުވެރިކޮށް ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް އަތޮޅުތެރޭގައި، ހަދައި ދިނުމުގެ ޚިދުމަތް އާބާދި ބޮޑު އަތޮޅުތަކުގައި ދޭން ފެށުމާއި، ޕޯސްޓްގެ މިއުޒިއަމެއް ޤައުމީ ދާރުލްއާސާރުގައި ހުޅުވުން ހިމެނެއެވެ. އަދި ބްރޯޑްކާސްޓްގެ ޚިދުމަތް ފުޅާކުރުމަށް ބްރޯޑްކާސްޓް ކޮމިއުނިކޭޝަންގެ ދާއިރާގެ ސިޔާސަތު ކަނޑައެޅުން ވެސް ފުރަތަމަ ސަތޭކަ ދުވަހުގެ ތަޞައްވުރުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާގެ ތަޞައްވުރުގެ ތެރޭގައި ރައްކާތެރި، ލުއިފަސޭހަ، އަގުހެޔޮ، އަވަސް، ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް އޮތް ސަތޭކަ ދުވަހަށް ރާވާފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމް ތަރައްޤީ ކޮށް ހަރުދަނާކުރުމާއި، އެކި ރަށްރަށް ގުޅުވައިދޭ ފެރީގެ ވިއުގަ އާއި، ކަނޑުދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ކޮށްދަތުރު ފަތުރުގެ ފަސޭހަކަން ޤާއިމްކޮށްދިނުމެވެ. މީގެ ތެރޭގައި، ޓެކްސީ ޤަވާއިދަށް އަމަލުކުރަން ފެށުމާއި، ޓެކްސީ ލޯން ސްކީމް ތަޢާރަފްކުރުމާއި، ބަސްދަތުރުގެ ޚިދުމަތް ފުޅާކުރުންހިމެނެއެވެ. މާލޭ ނޯތް ހާބަރ ތަރައްޤީކުރުމާއި، މަލޭ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީ ކުރުން ވެސް ފުރަތަމަ ސައްތައިގެ ތަސައްވުރުގައި ވަނީ ހިމަނާފައެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުން ފަސޭހަކަމާއެކު، މަތިންދާބޯޓު ނުވަތަ ސީޕްލޭންގެ ޚިދުމަތް ލިބޭ މަރުކަޒުތަކަށް ދެވޭނެ ވިއުގައެއް ޤާއިމްކޮށް ވައިގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކުރުން ވެސް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީ ކުރުމާއި، ޑޮމެސްޓިކް އެއަރޕޯޓްތައް އިތުރަށް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. މި ސިޔާސަތުގެ ދަށުން ފުވައްމުލަކު އެއަރޕޯޓާއި، ތިމަރަފުށި އެއަރޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭ ގޮތަށް ޚިދުމަތް ތަރައްޤީ ކުރުމާއި ކޫއްޑު އެއަރޕޯޓްގައި، ޕްރައިވެޓް ޖެޓް ޖެއްސޭވަރަށް ރަންވޭ ދިގުކޮށް އޭޕްރަންގެ ޖާގަ އިތުރުކޮށް ޓަރމިނަލް ފެސިލިޓީޒް އަޕްގްރޭޑް ކުރުން ހިމެނެއެވެ. އަދި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓަރމިނަލްގެ ޖާގަ ބޮޑުކުރުމާއި، އިންޓަރނޭޝަނަލް އޭޕްރަންގެ ޖާގަ ބޮޑުކުރުމާއި، ރަންވޭގެ ޖާގަ އިތުރުކުރުމަށް ހޯލްޑިންގ ބޭ އެއް ތަރައްޤީކުރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ، ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭންގެ ރަސްމީ ވެބްސައިޓް އިފްތިތާހް ކޮށްދެއްވާފައެވެ. މި ވެބްސައިޓުން މިދާއިރާގައި، މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި، މަސައްކަތް ކުރިޔަށްދާ މިންވަރު ބެލެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ