ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތް ކުރާ ގައުމު ތަރައްގީ ކުރެވޭނެ ބޭފުޅަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އުތުރުގެ ތިން އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެން އެއް ނަންބަރު ފާލަން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެއް ކަމުގައިވީ ނަމަވެސް ގައުމު ތަރައްގީ ކުރެވޭނެ ފަދަ އެހެން ބޭފުޅެއް ހުރި ނަމަ އެ ބޭފުޅަކަށް ވޯޓް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބޭނުންވެގެން މި އުޅެނީ ގައުމުގެ ކުރިއެރުން. ގައުމު ތަރައްގީ ކުރުން. އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ ކާކުތޯ ވެރިކަމުގެ ހުރީ ބަލާކަށެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި އަމަންއަމާން ގާއިމު ކުރެވި ގައުމު ކުރިއަރައިގެން ދިއުން. އެހެންވީމާ އެކަން ކުރެވޭތަން ނުފެންނާތީ އަޅުގަނޑުމެން ނިކުމެގެން މިއުޅެނީ. އެކަން އެގޮތަށް ކުރެވޭނެ ބޭފުޅަކަށް އަޅުގަނޑު ވެސް މިހިރީ ވޯޓް ދޭށޭ. ކޮންމެހެން ކޯލިޝަންގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއް ކަމަށް ވިޔަސް އެފަދަ ބޭފުޅަކަށް އަޅުގަނޑު ވެސް ވޯޓް ދޭނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ 130 އަށް ވުރެ ގިނަ ރަށްތަކަށް ދުތުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެ ދަތުރުތަކުން އެނގިވަޑައިގަތީ ރާއްޖޭގެ ރައްޔިތުން ވަރަށް ބިކަ ހާލުގައިވާކަން ކަމަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބިތަން ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ސިއްހީ ހިދުމަތް ވަރަށް ދަށުދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި އަދި ގިނަ ރަށްށަށް މިހާރުން މިހާރަށް ވެސް ނަރުދަމާގެ ނިޒާމެއް ބޭނުންވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖެ މިވަނީ ބެންކްރަފްޓްވެފައި ކަމަށާއި ރާއްޖެ އަށް އާމުދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާރު ދައުލަތުން ކުރަމުންދާ ހަރަދު ކުޑަކޮށް ދައުލަތަށް ލިބޭ އާމުދަނީއަކުން ދައުލަތް ހިންގޭނެ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު މިފަހަރު ބައެއް ރަށްރަށަށް ވަޑައިގަތުމުން އެމްޑީޕީ އަށް ނިސްބަތްވާ މަދު ބަޔަކު އެމަނިކުފާނަށާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށް ހުރަސްއެޅި ކަމަށެވެ. އަދި ވިދާޅުވީ އެއް ވެސް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ކެމްޕޭނަށް ނުވަތަ ކުރާ ކަމަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ބަޔަކު ގައުމުގެ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހުރިހާ ކަމެއް ވެސް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ރައްޔިތުން ދެކެން ބޭނުންވާ ބޮޑު މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗޭންޖު [ބަދަލު] ގެނެވޭނެ. ތަރައްގީ ވެސް ކުރެވޭނެ. އެކަން ކުރެވޭނީ ހިތްވަރު ހުރެގެން. ގާނޫނީ ހުދޫދުގެ ތެރޭގައި ޗާޓުން އެތެރޭގައި. ބޮޑު މަންޒަރު ވެސް ކުރެހޭނެ. ޗާޓުން އެތެރޭގައި ހުރިހާ މަންޒަރެއް ވެސް ކުރެހޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރައްދުތަކުގައި ގާއިމުކޮށްފައިވާ ދަތުރުފަތުރުގެ ނިޒާމު ވަނީ ފެއިލްވެފައި ކަމަށެވެ. އަދި އެކަށީގެންވާ ދަތުރުފަތުގެ ނިޒާމެއް ގާއިމް ކުރުމަށް ޓަކައި ދަތުރުފަތުރުގެ ނިޒާމު ހިންގުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާ ހަވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުގައި ދަތުރުފަތުރުގެ ހިދުމަތް ގާއިމް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ނުދެވޭ ކަމަށާއި އެހެން ކަމުން އެ ފަރާތްތަކުގެ އެއްބަސްވުންތައް ބާތިލު ކުރުމަށް ގާސިމް ސަރުކާރަށް ގޮވައި ލެއްވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ސިޔާސަރުތަކަށް ރައްޔިތުންގެ ވަރަށް ބޮޑު ތާއިދެއް ލިބިގެން ދިޔަ ކަމަށެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ވާނީ ރައްޔިތުންގެ އުންމީދުތައް ހަގީހަތަކަށް ހަދައިދޭނެ މެނިފެސްޓޯއަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ވިޔަސް ގައުމު ތަރައްގީ ކުރެވޭނެ ބޭފުޅަކަށް އަޅުގަނޑުގެ ވޯޓު ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ