ހަރާންކޯރުވުމަކީ ކުރިއަރަން އޮތް ހަރުގަނޑަކަށް ހަދައިފި: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ނުސީދާ ކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން، މިނިސްޓަރު މުހައްމަދު ސައީދަށް އަމާޒުކުރައްވާ ޓްވީޓާގައި ފާޑު ވިދާޅުވެފައި މިވަނީ އިއްޔެރޭ އއ. މަތިވެރީގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުވާ ގޮތަށް މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން މިނިސްޓަރު ސައީދަށް އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ ވަގުތެއްގަ އެވެ.
މަތިވެރި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ އަރިއަތޮޅު ތަރައްގީ ނުވެ އޮތީ އިދިކޮޅު ޕާޓީތައް އެ އަތޮޅުގެ ތަރައްގީއަށް ހުރަހަކަށް ވެފައި އޮތުމުން ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އަރިއަތޮޅުގެ ތަރައްގީއަށް ހުރަސްއަޅަމުން އައީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި އުޅުނު ބައެއް ކަމަށެވެ.
"ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހަކަށް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނު އަސާސީގައި ބުނެފައެއް ނެތް،" ގާސިމަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ސައީދަށް ނުސީދާކޮށް ރައްދުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ތިމާއަށް ކުރިއެރުމާ މަތިވެެރި މަގާމާ ޝުހުރަތު ހޯދައިދިން ބަޔަކަށް "ހަރާންކޯރު" ވުމަކީ މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށެވެ. އެކަމަކު އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލު ތަކުގެ މަލާމަތް ރައްދު ވާނެ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ސައީދަށް ރައްދުދެއްވި ބައެއް ބޭފުޅުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުވާ ގޮތަށް މިނިސްޓަރު ސައީދު ފާޑު ވިދާޅުވަނީ މުހައްމަދު ސައީދު އަހްލާގު ވަރަށް ބޮޑަށް ގޯސްވެ މަގާމުގައި ދަހިވެތި ކަމުގައި ކަމަށެވެ. މިނިސްޓަރު ސައީދަށް ކިޔަވާ ދެއްވާ މަތީ މަގާމުތައް ގާސިމް ހޯއްދަވައިދެއްވުމުން ގާސިމަށް އަމާޒުވާ ގޮތަށް ފާޑު ވިދާޅުވުމުގެ އެއްވެސް ހައްގެއް މިނިސްޓަރު ސައީދަށް ނޯންނާނެ ކަމަށްވެސް ސައީދަށް ފާޑު ވިދާޅުވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިނިސްޓަރު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަމާޒުވާ ގޮތަށް ފާޑުވިދާޅުވުމުން ގާސިމް ވެސް އިއްޔެ ވަނީ ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ޖަނަވާރުން ވެސް އެސޮރު ގެންގުޅޭ ބަލާބޮޑުކޮށް ވަރުގަދަ ސޮރަކަށް ހެދި މީހާ ދަންނަ ކަމަށެވެ.
"މިސާލަކަށް ކުއްތާ އެ ސޮރު ބެލެހެއްޓި މީހާ ސަލާމަތްކުރުމަށް ފުރާނަ ދުއްވާލާ ނޫންތޯ؟؟؟ ރާމާމަކުނު ވެސް ހެޔޮކަމެއް ކޮށްދިން މީހާ ދަނޭ ދެެއްތޯ؟؟؟ އެކަމަކު....... ގާސިމް،" ދޭތެރެއަކުން މުހައްމަދު ސައީދު، ގާސިމަށް އަމާޒުވާ ގޮތަށް ފާޑު ވިދާޅުވާތީ އެކަމުގެ ރައްދުގައި ގާސިމް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ސައީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުވާ ގޮތަށް ދޭތެރެއަކުން ފާޑު ވިދާޅުވަމުން ގެންދަވާއިރު މިނިސްޓަރު ސައީދަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައި ދެއްވާ އެކަމަށް ހަރަދުކޮށްދެއްވީ ގާސިމް އިބްރާހީމް އެވެ. އަރިއަތޮޅަށް ތަރައްގީ އައިސްފައި ނުވާ ކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު، ނުސީދާކޮށް ގާސިމަށް ފާޑު ވިދާޅުވާއިރު ވިލާ ގުރޫޕުން އަރިއަތޮޅުގައި ހިންގާ އެންމެ ބޮޑު ރިސޯޓް ސަން އައިލެންޑް ރިސޯޓުގައި އެންމެ ގިނަ ދުވަހު ޖެނަރަލް މެނޭޖަރު ކަން ކުރެއްވީ ވެސް މުހައްމަދު ސައީދު އެވެ.
މުހައްމަދު ސައީދު މިއަދު އެ ހުންނެވި އިކޮނޮމިކް މިނިސްޓަރުކަން ވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ގާސިމް އިބްރާހީމް އެމަނިކުފާނަށް އެ ފުރުސަތު ދެއްވުމުންނެވެ.
ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ޑޮމެސްޓިކް އެއާޕޯޓާއި ކަނޑު ބަނދަރު އަރިއަތޮޅުގައި ހަދާފައިވަނީ ވެސް ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ