ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ގާސިމް ގޮވައިލައިފި

މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އިތުރަށް ތަހުގީގުކޮށް އެ އަމަލު ރާވައި ހިންގުމުގައި ބައިވެރިވި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
ޑރ. އަފްރާޝީމްގެ މަރަށް އެއް އަހަރު ފުރުމާ ގުޅިގެން ގާސިމް އިބްރާހިމް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމަލަކީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އެ ލާއިންސާނީ އަމަލު ހިންގާފައިވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް ގޮވާލައްވައިފައިވެ އެވެ.
"މި ލާއިންސާނީ ޖަރީމާގެ ތަހުގީގު އިތުރަށް ފުޅާކުރައްވައި. އެ ނުރައްކާތެރި އަމަލު ރާވައި ހިންގުމުގައި ބައިވެރިވި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް އަނިޔާވެރިންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ލޭއޮހޮރުވުމާއި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރާ ބަޔަކު އެބަ އުޅޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގެ ދުވެލި ލަސްވަމުންދާ ކަމީ އެކަމާ ދޭތެރޭ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"ލޭއޮހޮރުވުމާއި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ހިތްވަރުދީ ފިތުނަ ފަސާދަ އުފެއްދުމަށް ހުއްޓާނުލާ މަސައްކަތް ކުރާ ބަޔަކު ގައުމުގައި ހަރަކާތްތެރި ވަމުންދާކަމީ އަޅުގަނޑު އެކަމާ ނުހަނު ކަންބޮޑުވާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ އަމާންކަމާއި އިސްލާމް ދިނާއި އިސްލާމީ އިލްމުވެރިންނަށް ލޯބިކުރާ ރޫހު ދެމެހެއްޓުމަކީ ގައުމުގެ ސަލާމަތަށް ޓަކައި އަދާކުރަން ވާޖިބު ކަމައް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެ މަނިކުފާން ވިދާޅުވީ ޑރ. އަފްރާޝީމަކީ އިލްމީ ހަޒާނާއެއް ކަމަށާއި އެ މަނިކުފާނު މީޑިޔާ މެދުވެރިކޮށް ހެޔޮ ނަސޭހަތްތައް ދެއްވަމުން ދިޔަ ހީވާގި ހުނަރުވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ މީސްތަކުންނަށް ގައުމު ދުށް ފަސްމީރު ކުރި ރުކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ