ހޯޑެއްދޫ އިން ކަރަންޓް ކެނޑޭތާ ތިންމަސް!

ގދ. ހޯޑެއްދޫގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތާ ތިން މަސްވެ، މިއަދާ ހަމައަށްވެސް ހައްލެއް ލިބިފައި ނުވުމުގެ ސަބަބުން ހޯޑެއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޔާޒު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތާ ތިން މަސްވެފައިވާ ކަމަށާއި ރަށުގެ ޖަނަރޭޓަރު ހަލާކުވެ، ކަރަންޓު ކެނޑޭ މައްސަލަ ފެނަކަ ހޯޑެއްދޫ ބުރާންޗަށް އެތަށް ފަހަރެއްގެ މަތިން ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެކަމަށް ހައްލެއް ހޯދަދޭން ބުނިނަމަވެސް، މިއަދާ ހަމައަށްވެސް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށާއި އަދި މިހާރު ދެ ގަޑިން ދެ ގަޑިން ކަރަންޓު ކެޑުމަށްފަހު ކަރަންޓު ދޭތާ ތިން ދުވަސް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތަށް ކަރަންޓުދޭން ޖެހުމުގެ ސަބަބުން ހޯޑެއްދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވީ ސްކޫލުގެ ކިޔެވުމަށްވެސް ބުރޫއަރާ ކަމަށާއި ރަށުން ކަރަންޓް ކެނޑޭ މައްސަލައާއި ގުޅިގެން ޕްރީ ސްކޫލުގެ ކިޔެވުން މިދުވަސްކޮޅު އެއްގޮތަކަށްވެސް ނޯންނަ ކަމަށެވެ.
ހޯޑެއްދޫ ކައުންސިލުން ބުނީ ރަށްރަށުގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރު ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ގެނައި 77 ޖަނަރޭޓަރުގެ ތެރޭން 250 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެރަށަށް ދޭން ބުނިނަމަވެސް އެޖެނެރޭޓަރު އެރަށުގެ ރައްޔިތުންގެ ލޮލަށް އަދިވެސް ފެންނަވަރު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ