ސިޓީގެ މައްޗަށް ކުރި ހޯދާ ބާސާ ކުއާޓާފައިނަލަށް

1-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދާާ ޗެމްޕިއަންސް ކުއާޓާފައިނަލުން ސްޕެއިންގެ ބާސެލޯނާއިން ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ވެސް ބާސެލޯނާއިންނެވެ. އެހެންކަމުން މުބާރާތުގެ ކުއާޓާފައިނަަލަށް ބާސެލޯނާ ދަތުރުކުރީ 1-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ސިޓީއަށް މޮޅުވުން މަޖުބޫރުވެފައިވާ މި މެޗުގައި ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.އެގޮތުން ފުރަތަމަ ހާފްގައި ނަސްރީ ކުރިއަށް ފޮނުވާލި ބޯޅަ އާއި ދެވަނަ ހާފްގައި ޒެކޯ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ވިކްޓަރ ވަލްޑޭސް ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ. އަދި ޕެނަލްޓީއޭރިއާގެ ތެރޭ ހުހަށްއޮވެ އެޓީމުގެ ފުލްބެކް ޒަބަލެޓާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ސިޓީއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓްގައި ބާސާއިން ގޯލެއްޖަހާ ސިޓީއަށް އިތުރު ހުރަސްތަކާ ކުރިމަތިކުރުވި ތަނެވެ.މި ގޯލް ބާސާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާގެ ކުޅަދާނަ ފޯވާޑް ލައިނަލް މެސީއެވެ. މިއީ މެސީ މި މުބާރާތުގައި ކާމިޔާބުކުރި 8 ވަނަ ގޯލެވެ.މި ގޯލަށްފަހު ބާސާ ވަނީ ލީޑް ފުޅާކޮށްލަންވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ.ނަމަވެސް އެޓީމުގެ މިޑްފިލްޑަރ ޒަވީ ކުރިއަށް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ހާޓް ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.
މެޗުގެ 78 ވަނަ މިނެޓްގައި ރެފްރީއާ ދިމާލަށް އެއްޗެކާ ބުނުމާ ގުޅިގެން ރެފްރީ ވަނީ ސިޓީގެ ފުލްބެކް ޒަބަލެޓާއަށް ދެވަނަ ރީދޫ ކާޑައެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޒަބަލެޓާ ރުޅިއައިސްގެން ރެފްރީއާ ދިމާލަށް ދިޔައީ ބާސާގެ ޑިފެންޑަރ ޕީކޭ ސިޓީގެ ފޯވާޑް ޒެކޯއަށް ޕެނަލްޓީއޭރިއާގެ ތެރެއިން ފައުލްކުރިކަމަށް ބުނެ ރެފްރީ ޕެނަލްޓީއެއް ނުދިނުމާ ގުޅިގެންެނެވެ. ސިޓީއަށް ސުން ކަނޑުވާލަ ދިން ގޯލް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސިޓީގެ ޑިފެންޑަރ އަދި ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ.ބާސެލޯނާގެ ދެވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި އިނިއެސްޓާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޑެނީ އަލްވޭސްއެވެ.
މިއީ ކުއާޓާފައިނަލަށް ނުގޮސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކެޓި ދެވަނަ އިނގިރޭސި ޓީމެވެ. ކުއާޓާފައިނަލަށް ނުގޮސް ކެޓި ފުރަތަމަ އިނގިރޭސި ޓީމަކީ އާރސެނަލްއެވެ.
މި މުބާރާތުގައި އަދިވެސް އިނގިރޭސި ދެ ޓީމް އެބައޮތެވެ.އެއީ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ