ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އާ އިމާރާތުގެ ޕްލޭން ތައާރަފްކޮށްފި

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރެވޭ އާ އިމާރާތާއެކު އެ އިމާރާތުގައި ބޭނުންކުރާ ވަސީލަތްތަކުގެ ޕްލޭން ތައާރަފްކޮށްފި އެވެ.
މި ޕްލޭން ތައާރަފުކޮށްދެއްވީ މިއަދު މާމިގިރީ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
އާ އިމާރާތާއެކު މިހާރު ބޭނުންކުރާ އިމާރާތުގެ ބޮޑު ބައެއް ކުރިއެކޭ ވެސް އެއްގޮތަށް ބޭނުންކުރާނެކަމަށް ގެލްތު މިނިސްޓްރީން ބުނެއެވެ.
ބ.އަތޮޅު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވޭ ބަޔާ އެކު ދ. ކުޑަހުވަދޫގައާއި ހއ.ދިއްދޫގައި އާ ހޮސްޕިޓަލެއް އައެޅުމަށްވަނީ ހަމަޖެހިފައެވެ.
ބ.އަތޮޅު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވޭ ބައި ފަރުމާކޮށްފައި ވަނީ ޒަމާނާ އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލް ތަކެއްގެ ގޮތަށެވެ. އެ ހޮސްޕިޓަލްތައް ގާއިމްކޮށް ނިމޭ އިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނިގެންދާނެ އެވެ.
އޭގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އާ ޕްލޭންގެ ދަށުން ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތުތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ ޕްރައިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައި ވާނީ އެ މަގްސަދުތައް ހާސިލްވާނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތަކީ2019ވަނަ ވަނަ އަހަރުވެސް ބަޖެޓުގައި ހިމަނާފާއިވާ މަޝްރޫއެކެވެ.
ބ. އަތޮޅު ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރާ ބައިގެ ކުރެހުން— ފޮޓޯ: ހެލްތު މިނިސްޓްރީ
މިދިޔަ އަހަރު ޖުލައި 31 ގައި ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އެހޮސްޕިޓަލަށް އިތުރު ކުރެވޭ ބައިގެ މަސައްކަތް 2019ގައިފެށޭނެ ކަމަށާއި އަދި 2020 ވަނަ ޚިދުމަތްދެވިގެން ދާނެކަމަށެވެ.
ހޮސްޕިޓަލުގެ އާ އިމާރާތާބެހޭ ތަފްސީލު ދެއްވަމުން އެޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެހޮސްޕިޓަލުން ފިޒިޔޮތެރަޕީއާއި ޑަޔަލިސިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ސްކޭނުގެ ހިދުމަތްތަކާއި ލެބޯޓަރީގެ ޚިދުމަތް ލިބިގެންދާއިރު ޕްރައިވެޓް ރޫމުތައްވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ. އެެހންނަމަވެސް 2019 ނިމިގެން ދިޔައިރުވެސް އަލަށް އިތުރު ކުރެވޭ ބައިގެ މަސައްކަތް ފެށިފައެއް ނުވެއެވެ.
މިއަދު އިފްތިތާހުކުރި ޕްލޭންއާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އިއްޔެވަނީ އެ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ