ރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ: ސަފީރު

ދިވެހިރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ ކަމުގައި އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އަންވަރު އަލް-އަޣާ ވިދާޅުވެއްޖެއެވެ.ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އަންވަރު އަލް-އަޣާ މިހެން ވިދާޅުވީ، ރައީސް ޑރ. ވަޙީދުގެ އަރިހަށް އިއްޔެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ރައީސްއާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.ފަލަސްޠީނު ސަފީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ފަލަސްޠީނު ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، ރާއްޖޭގައި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރައްވާކަމަށެވެ.އަދި ފަލަސްޠީނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދިވެހި ސަރުކާރަށް އަބަދުވެސް އޮންނާނެ ކަމުގައި ފަލަސްޠީނު ސަފީރު ވިދާޅުވިއެވެ. އަދި އަރަބި ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅުކުރެއްވުމަށް ރާއްޖޭގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޢަރަބި ދުނިޔޭގައި އެމަނިކުފާނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.އިއްޔެ ފަލަސްޠީނު ސަފީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް އެދި، ރައީސް ޑރ. ވަޙީދަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދަޢުވަތު އަރުއްވާ ފޮނުވި ސިޓީފުޅު އަރުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ