ވަކިން ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ނެތް: އަދާލަތު

ގުޅިފައިވާ ޕާޓީތަކަށް 1 ކެންޑިޑޭޓަކު ނެރެވިފައިވާކަމަށާއި، އެހެންކަމުން ވަކިން ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ނެތްކަމަށް، އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިހެން ބުނީ، ގުޅިފައިވާ ޕާޓީތަކަށް 1 ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ އެޕާޓީން ވަކިން ކެންޑިޑޭޓް ނެރޭނެކަށް ބުނެފައިވާތީ ނޫސްވެރިއަކު ސުވާލުކުރުމުން ނެވެ.
އަދާލަތު ޕާޓީގެ ނައިބުރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވީ، ޕާޓީތަކަށް 1 ކެންޑިޑޭޓަކު ނެރެ ދެއްކިފައިވާކަމަށެވެ. އެހެންކަމުން ވަކިން ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ، އަދާލަތުޕާޓީގެ ހަރަކާތްތައް ހުއްޓި އެޕާޓީއަކީ ނެތް ޕާޓީއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވާކަދައްކި ނަމަވެސް، އެޕާޓީ ޕާޓިގެ ގޮތުގައި ދެމި އެބައޮތްކަމަށެވެ.
އަލީ ޒާހިރު އިތުރަށް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަށް ޚިޔާލު ހުށަހަޅައި އަދާލަތުޕާޓީން އެދޭ ކަންކަން ހުށަހަޅާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އާއި ޖޭޕީން ހުށަހަޅާފައިވާ ޚިޔާލުތައްވެސް ދިރާސާކުރަމުންދާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ޕާޓީތަކުގެ މެނިފެސްޓޯ އާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އަދާލަތުން ބުނިއިރު، ހުސްވި މެއި މަހު އެޕާޓީން ވަނީ، ގުޅިފައިވާ ޕާޓީތަކުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ މެނިފެސްޓޯއަށް އެޕާޓީން ހުށަހަޅާ އަސާސްތައް އެކުލަވާލައި އެކަންކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ