އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގަން ހުށަހަޅާފައިވަނިކޮށް ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގާގޮތަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މެނިފެސްޓޯ މިއަދު އިއުލާން ކުރައްވައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ފިޔަވައި އެހެން ޕާޓީތަކުން ބޭނުން ވަނީ ރިޔާސީ ނިޒާމެކެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހުށަހަޅާފައި ވަނީ ރިޔާސީ ނިޒާމެއްގެ ދަށުން ސަރުކާރު ހިންގުމަށެވެ.
އާ ގާނޫނު އަސާސީ އެކުލަވާލުމުގެ ތެރޭގައި، ރާއްޖޭގައި ބާއްވަން ފެންނަނީ ކޮން ކަހަލަ ވެރިކަމެއްތޯ ބެލުމަށް ރައީސް މައުމޫންގެ ވެރިކަމުގައި 2007ގައި އާންމު ވޯޓެއް ނެގި އިރު ރައީސް މައުމޫން އޭރު ވެސް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.
ރައީސް މައުމޫންގެ ފަރާތުން އިއުލާން ކުރި މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ރިޔާސީ ނިޒާމުގެ ތިން ބާރު ހަރުދަނާ ކުރާނެ ގޮތްތަކެވެ. އޭގެ އިތުރުން ކޮށްދޭނެ ކަންކަން ހިމަނާފައިވެ އެވެ.
ރިޔާސީ ނިޒާމް ހަރުދަނާ ކުރުމަށް ހުށަހެޅި މުހިންމު ކަންކަން
* ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކޮށް ބާރުތަކާއި މަސްއޫލިއްޔަތައް ބަދަލު ގެނައުން
* މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ ބަޖެޓް ކަނޑައެޅުމުގައި ސަރުކާރުގެ ދައުރު ކުޑަކުރުން
* ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ބޭރުގެ ފަންނީ ބޭފުޅުންނާއި އެހީ ބޭނުން ކުރުން
* މަޖިލިސް ބައިކެމެރަލް ނިޒާމަކަށް ހަދައި ފަންނީ އަދި ތަޖުރިބާކާރުން އިންތިހާބު ކުރާ ސެނެޓެއް ހެދުން
* މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހެދުމަށް ގާނޫނުތަަކަށް ބަދަލު ގެނައުން
* މަޝްރޫތަކާއި ކަންކަން ރޭވުމަށް ފަންނީ މާހިރުންގެ ނޭޝަނަލް ޕްލޭނިން ކައުންސިލެއް އުފެއްދުން
މާލީ ނިޒާމް ހަރުދަނާ ކުރަން ކުރާ ކަންކަން
* އިންކަމް ޓެކްސް ނަގަން ފެށުން
* ޖީއެސްޓީ ތިން ޕަސެންޓަށް ކުޑަކުރުން
* 2023 ގެ ބަޖެޓު އަރަނި ކުރުން
* ބޭރުގެ ދަރަނި ކުޑަ ކުރުން
* އެންމެ ދަށް މުސާރައެއް ކަނޑައަޅައި ސިވިސް ސާވިސްގެ މުސާރަތައް ރިވިއުކުރުން
* ދިވެހި މުވައްޒަފުން ގިނަ ކުންފުނިތަކަށް ފުރުސަތު ފަހިކޮށްދިނުން
އިޖުތިމާއީ ސިޔާސަތުތައް
* ޕެންޝަނަރުންނަށް ޕެންޝަން ފައިސާގެ އިތުރުން 65 އަހަރުން މަތީ މީހުންނަށް ލިބޭ އިނާއަތް ދިނުން
* ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ޑިވެލޮޕްމެންޓް ހިންގުން
* އަރަބި ބަހާއި އިސްލާމީ ތައުލީމް އަދި ދިވެހި ބަސް ތައުލީމުގެ ހުރިހާ ހަރުފަތެއްގައި ކިޔަވައިދިނުން
* އާބާދީގެ 95 ޕަސެންޓަށް އިންޓަނެޓުގެ ހިދުމަތް ދިނުން
* މުއާސަލާތީ ހިދުމަތުގެ އަގު 50 ޕަސެންޓް ހެޔޮކުރުން
ބޯހިޔާވަހިކަން:
* ހައުސިން ލޯންތަކުގެ އިކުއިޓީ އާއި އިންޓްރެސްޓް ރޭޓް ކުޑަކުރުން
* ހައުސިން ސަބްސިޑަރީ ނިޒާމެއް ގާއިމް ކުރުން
* ހައްގުވާ މީހުންނަށް ފްލެޓް ދިނުން
އެކަން ކަމުގެ އިތުރުން ރާއްޖެއިން ކޮރަޕްޝަން ނައްތާލައި މިނިވަން މާހައުލެއް ބިނާކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ކުރަން ނިންމާފައިވާ ކަންކަން އެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އަދި އިސްލާމް ދީނާއި ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކާއި ރައީސް މައުމޫން ހުށަހަޅުއްވާފައިވާ މެނިފެސްޓޯއާ މެދު ކޯލިޝަނުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ކޯލިޝަނުން ބުނެ އެވެ.
މައުމޫން ހުށަހެޅުއްވީ ރިޔާސީ ނިޒާމެއް ބާއްވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ