ކުރީގެ ހޯމް މިނިސްޓަރު އުމަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ. އުމުރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިއަދު ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ސޮއިކުރެއްވުމަށްފަހު އުމަރު ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ ފޯމު ހަވާލުކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި އެ ހަފްލާގައި ރިޔާޒު ވަނީ އުމަރަށް މަރުހަބާ ވިދާޅުވެފަ އެވެ. ރިޔާޒު ވިދާޅުވީ އުމަރު އެޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އުމަރު އެޕާޓީއާ ގުޅިވަޑައިގަތީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ދައުވަތަކަށެވެ. އުމަރު ގުޅިވަޑައިގަތުމުން ޖުމްހޫރީ ޕާޓީއަށާއި ކޯލިޝަނަށްވެސް ލިބޭނީ ކުރިއެރުން ކަމަށް ރިޔާޒު ވިދާޅުވި އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރިޔާޒު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް އެ ހަފްލާގައި އުމަރު ވަނީ ބަޔާނެއް އިއްވަވާފަ އެވެ. އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ގުޅިވަޑައިގަތީ ޕާޓީ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށެވެ. އެއީ ރާއްޖޭގެ ތިންވަނަ ޕާޓީން އެއްވަނަ ޕާޓީއަށް ބަދަލުކުރުމުގެ މަގުސަދު ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިހާރު ޕާޓީ އޮތް ހަރުފަތުގައި އޮއްނަން ބޭނުން ނަމަ ކުރިއަށް ނުވަ އަހަރުވެސް އޮވެވޭނެ ކަމަށާއި އެގޮތަށް ވިސްނުން ހުރި ނަމަ ޕާޓީން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވިގޮތުގައި ރާއްޖޭގައި ދެން ވެރިކަން ކުރަން ޖެހޭނީ ޖުމްހޫރީ ޕަޓީންނެވެ. އަދި ކޯލިޝަން ކެންޑިޑޭޓެއް ގޮތުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އުމަރަކީ މީގެކުރިންވެސް ޖުމްހޫރީ ޕާޓީގައި އުޅުއްވި މެމްބަރެކެވެ. އުމަރު ޕީޕިއެމްގެ ރިޔަސީ ޓިކެޓު ލިބިވަޑައި ނުގަތުމުން ޖޭޕީއާ ގުޅިވަޑައިގަތެވެ. އަދި އެޕާޓީގެ ސްލޮޓެއްގައި އުމަރު މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވީ ޕީޕިއެމްގައި އުފެދުނު "ކޯޅިގަނޑު"ގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ