ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިންތިހާބުކޮށްފިއެވެ.
މަޖިލީހުގެ ރައީސަކަށް މެންބަރަކު އިންތިހާބު ކުރަން މިރޭ ބޭއްވި ޖަލްސާގައި އެ މަގާމަށް ކުރިމަތިލެއްވީ ދެ މެންބަރެކެވެ. އެއީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ޖޭޕީގެ ލީޑަރު ގާސިމް އެ މަގާމަށް އިންތިހާބު ކުރެއްވީ މަޖިލިސް މެންބަރުންގެ މެދުގައި މިރޭ ނެގި ސިއްރު ވޯޓަކުންނެވެ. އެ ގޮތުން ގާސިމަށް 62 މެންބަރެއްގެ ވޯޓު ލިބިވަޑައިގެންނެވިއިރު، އެ މަގާމަށް ދެން ކުރިމަތިލެއްވި އަދުރޭއަށް ލިބިވަޑައިގަތީ 16 މެންބަރެއްގެ ވޯޓެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިހާބު ކުރެއްވިއިރު، ގާސިމަކީ މީގެ ކުރިން ވެސް އެ މަގާމު ފުރުއްވި ބޭފުޅެވެ. މަޖިލީހުގެ ރައީސް ކަން ގާސިމް ކުރެއްވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.
ފެހި ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރި އެ މަޖިލީހަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރި، އެންމެ "ހަލަބޮލި" މަޖިލީހުގެ ގޮތުގައި ގިނަ މީހުން ސިފަ ކުރެއެވެ. އެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ގާސިމް ކުރެއްވި މަސައްކަތަށް މިހާރު ވެސް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމު ހުސްވެގެން ދިޔައީ، މަޖިލީހުގެ ރައީސްގެ މަގާމުގައި އިއްޔެއާ ހަމައަށް ވެސް ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. މަސީހު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓަށް އަހަން މަޖިލީހުގައި މިރެއަށް ތާވަލުކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސަކަށް ގާސިމް އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ