އާއިލާ އަށް ދިން މެހެމާންދާރީއަށް ޝުކުރު އަދާކުރަން މައުމޫން މާފުއްޓަށް

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލުގައި އޮންނެވި އިރު އެމަނިކުފާނުގެ އަރިހަށް ޒިއާރަތް ކުރި އާއިލާ މެންބަރުންނަށް މެހެމާންދާރީ އަދާކުރި މާފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުން މާފުއްޓަށް ވަޑައިގެންފިއެވެ.
ރައީސް މައުމޫން މާފުއްޓަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ދަރިކަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ބޭފުޅުންނާއެކުއެވެ.
މައުމޫނާއި އެމަނިކުފާނުގެ އާއިލާ މާފުއްޓަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެބޭފުޅުން މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުއްޓަށް ކުރެއްވި ހާއްސަ ދަތުރުފުޅަކީ އެމަނިކުފާނު އަނބިކަނބަލުންނާއި އާއިލާ މެންބަރުންނަށް ދެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ ގައެވެ. އޭގެ ފަހުން އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓީ މާފުއްޓާއި ދޫނިދޫގައެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ފަހުން ހައިކޯޓުން ވަނީ ރައީސް މައުމޫން މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ