ކަރަންޓުގެ މައްސަލަ ބޮޑުވެ، ރ. މީދޫއަށް އާ ޖަނަރޭޓަރެއް ފޮނުވަނީ

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އާ ޖަނަރޭޓަރެއް ފޮނުވާނެކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ފެނަކާގެ ޗީފް ޓެކްނިކަލް އޮފިސަރާއި އަމީތު ވަނީ ބައްދަލުކުރައްވާފައެވެ.
އެބައްދަލުވުމާއި ގުޅޭގޮތުން އަމީތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފެނަކާގެ އެމްޑީ އަހުމަދު ލައްމާންއާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބުން ނަމަވެސް ޗީފް ޓެކްނިކަލް އޮފިސަރާއި ބައްދަލުކުރައްވާފައިވާކަމަށާއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީދޫއަށް އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމުގެ ޔަގީންކަން ޗީފް ޓެކްނިކަލް އޮފިސަރު ދެއްވާފައިވާކަމަށެވެ.
މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވީހާވެސް އަވަހަށް ފެނަކައިން ހައްލުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް އަމީތު ވިދާޅުވިއެވެ.
ދެހާސް މީހުންގެ އާބާދީއެއް އޮންނަ މީދޫއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 400 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 100 ކިލޯވޮޓުގެ ދެ ޖަނަރޭޓަރެވެ. އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިމިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެންނެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން އެރަށަށް ކަރަންޓުގެ ދަތިކަން ކުރިމަތިވިއިރު މިހާރު ރަށުގެ އެކި ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ އެކި ވަގުތުތަކުގައެވެ. އަދި މުޅި ރަށަށް އެއް ވަގުތެއްގައި ކަރަންޓު ދެމުން އަންނަނީ ރޭގަނޑު 12:00 ގެ ފަހުންނެވެ.
މީގެކުރިން ވެސް މީދޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެ ފެނަކައިގެ ވެރިން ވަނީ އެރަށަށް އާ ޖަނަރޭޓަރެއް ގެންދާނެކަމަށް ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެރަށަށް އާ ޖަނަރޭޓަރު ގެންގޮސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ