ފައިސާ ދައްކައިގެން ޕާކް ކުރާ ސަރަހައްދުތަކެއް ހަދަނީ

ފައިސާ ދައްކައިގެން މާލޭގެ ވަކި ސަރަހައްދުތަކެއްގައި ޕާކް ކުރެވޭ ގޮތަށް ޕޭ ޕާކިންގެ ޚިދުމަތް ތައާރަފް ކުރުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވީނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޕޭ ޕާކިން ތައާރަފް ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިހާރު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ އަދި އެހެނިހެން ވެސް ކަމާ ގުޅޭ އިދާރާތަކާ އަޅުގަނޑުމެން މިދަނީ މިކަމުގައި މަޝްވަރާ ކުރަމުން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ޕޭ ޕާކިން ތައާރަފް ކުރުމުގެ ބޭނުމަކީ މާލެއަށް ދިމާވެފައިވާ ޕާކް ކުރުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުން ކަމަށެވެ.
ޕޭ ޕާކިން ތައާރަފް ކުރުމަށް ކަނޑަައަޅަން ޖެހޭ އުސޫލުތަކާއި މެދު މަޝްވަރާ ކުރަމުންގެންދާ ކަމަށާއި، މިހިދުމަތް ތައާރަފްކުރުމުން ވެހިކަލް ޕާކް ކޮށްފައި ބާއްވާ ގަޑިތަކަށް ޗާޖު ކުރާނެ ގޮތަކާ މެދު ވިސްނަމުންދާ ކަމަށްވެސް އާދިލް ވިދާޅުވި އެވެ. މިގޮތަށް ޕޭ ޕާކިން ތައާރަފް ކުރި ކަމުގައިވީ ނަމަވެސް، މިފަދަ ސަރަހައްދުތައް ގާއިމްކުރާނީ މާލޭގެ ވަކި ހިސާބުތަކެއްގައި ކަމަށާއި އަދި މިއީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކުރާ ޕާކިން ތަކެއް ކަމަށްވެސް އާދިލް ވަނީ ފާހަގަކުރައްވާފަ އެވެ.
"މިފަދަ ޕޭ ޕާކިން އޭރިއާ ތަކުގައި ވަކި ސަރަަހައްދުތަކެއް ވަކިވަކި އުޅަނދުތަކަށް ވަކި މުއްދަތެއް ވަންދެން ޚާއްސަ ކުރެވޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް އަޅުގަނޑުމެން ވިސްނާނަން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޭ ޕާކިން އޭރިއާތަކުން ދޭ ޚިދުމަތްތަކަކީ ރައްކާތެރި ޚިދުމަތްތަކަކަށް ހެދުމަށްޓަކައި ޕާކް ކުރާ އުޅަނދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޮޗަރުން ބޭތިއްބުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕާކިންގެ ފަސޭހަ ރައްޔިތުންނަށް ލިބި މިޚިދުމަތުގެ ތެރެއިން ވެހިކަލް ފަދަ އަގޮ ބޮޑު މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މިނިސްޓްރީގެ އަމާޒު ކަމުގައިވެސް އާދިލް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ