މުސްތަފާ އެމްޑީޕީ އަށް ވަޑައިގެންނެވީ އަޅުގަނޑަށް އަންގާފައި – މައުމޫން

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަރިހު ދަންނަވާފައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ މުސްތަފާ އެމްޑީޕީ އަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރަން ސޮއި ކުރި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި މުސްތަފާ ހިމެނުނެވެ. ޕީޕީއެމް އިން މައުމޫން ވަކިކުރި މައްސަލަ ފެންމަތިވީ މުސްތަފާ އާއި އަދި ބައެއް އެހެން މެންބަރުންނާއި އެކު މައުމޫން ވަކި ކައުންސިލެއް އުފައްދަވާ ޕާޓީގެ ހިންގުމުގެ ކޮންޓްރޯލް ނަންގަވަން މަސައްކަތް ކުރެއްވުމުންނެވެ. އޭގެ ފަހުން މުސްތަފާ މަސައްކަތް ކުރައްވަމުން ގެންދެވީ މައުމޫނުގެ އަރިހުގައެވެ.
މުސްތަފާ އެމްޑީޕީ އަށް ސޮއި ކުރައްވާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓް ހޯއްދަވަންށެވެ. އެންމެ ފަހުން މުސްތަފާ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވީ ވެސް އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް އޭނާ ވަނީ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ޕީޕީއެމް އަށް ބަދަލުވެ ވަޑައިގެންފައެވެ.
2009 ވަނަ އަހަރުން ފެށިގެން ރައްޔިތުން މަޖިލީހުގެ މެންބަރު ކަން ކުރައްވަމުން އަންނަ މުސްތަފާ ވަނީ އެމްޑީޕީގެ ޓިކެޓްގައި ތިން ފަހަރު މަޖިލީހަށް އިންތިޚާބު ވެފައެވެ. އެއީ 2009 ވަނަ އަހަރުގެ އިންތިޚާބުގެ އިތުރުން އެދައުރުގައި އޭނާގެ ގޮނޑި ގެއްލުމުން ބޭއްވި ބައި އިލެކްޝަނާއި އަދި 2014 ވަނަ އަހަރުގެ އިންތިޚާބެވެ.
ޕީޕީއެމް އިން ވަކިކުރުމުން މެންބަރުކަމުން ވަކިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެންބަރުންގެ ތެރޭގައި ވެސް މުސްތަފާ ހިމެނުނެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ މައްސަލަ ހައްލު ކޮށްދެއްވާ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމް ކުރައްވާފައެވެ.
އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އޮންނާނެ ކަމަށް ބެލެވޭ މަޖިލިސް އިންތިޚާބުގައި ޓިކެޓް ހޯދުމަށް ގިނަ ބަޔަކު ގެންދަނީ އެމްޑީޕީ އާއި ޖޭޕީ އަށް ސޮއި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ