ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު ފައިސާ މަދުވެއްޖެ

ގަވާއިދުތަކާ ޚިލާފުވެގެން ރައްޔިތުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.
މީރާއިން އާންމު ކުރި އަދަދުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 197 މިލިއަން ރުފިޔާއެވެ. ނަމަވެސް ހުސްވި އަހަރު ދައުލަތަށް ލިބިފައިވަނީ 128 މިލިއަން ރުފިޔާއެވެ.
ޑޮލަރުން ދައުލަތަށް ލިބުނު ޖޫރިމަނާ ވެސް މިދިޔަ އަހަރު ބޮޑު ތަނުން ދަށް ވެފައިވެއެވެ. މިދިޔަ އަހަރު 1.5 މިލިއަން ޑޮލަރު ލިބިފައިވާއިރު އޭގެ ކުރީ އަހަރު 4 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ވަނީ ދައްކާފައެވެ.
ޖޫރިމަނާގެ ގޮތުގައި އެންމެ އާންމުކޮށް ދައުލަތަށް ވަންނަނީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެގެން ދައްކާ ފައިސާއެވެ. އެއީ ޕާކު ކުރުމުގައި ނުގަވާއިދަށް އަމަލުކޮށްގެން ކުރާ ޖޫރިމަނާ އާއި ވެހިކަލް ލައިސަންސްސު ނެތި ދުއްވުމާއި ލިޔެކިޔުން ހަމަނުކޮށްގެން ކުރާ ޖޫރިމަނާތަކެވެ.
މީގެ އިތުރުން ވެސް ވިޔަފާރިތަކުން ގަވާއިދުތަކާ ޚިލާފުވެގެން މީރާއިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެއެވެ.
ސްޓިކާ ޖަހައިގެން ރައްޔިތުން "ފެލުން" ހުއްޓުވުމަށް ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވި ނަމަވެސް އެކަން އަދި އެމަނިކުފާނު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ޖޫރިމަނާގެ ގޮތުގައި ނެގި ފައިސާ މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ