މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ޝުކޫރު މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ގއ. މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
އޭނާ މަގާމުން ވަކިކުރުމަށް، ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ޝުކޫރު މަގާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ކަމަށެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، ޝުކޫރު އިސްމެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރު ކުރި ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން އިތުރަށް ބުނީ، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ. ޖޭއެސްސީން ދަނީ ޝުކޫރަށް ތުހުމަތު ކުރެވޭ އިތުރު އަށް މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.
މެޖިސްޓްރޭޓްކަމުގެ މަގާމުން ޝުކޫރު ވަކި ކުރާނީ، އޭނާ ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށްތޯ ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓަށް ވޯޓަށް އަހައި ފާސްކޮށްގެންނެވެ. ޝުކޫރު މަގާމުން ވަކި ކުރުމުގެ މަސައްްކަތް ކުރިއަށްދާއިރު، އޭނާގެ 60 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ