ސަރުކާރުން ރ.ފައިނުގައި އަލާން ނިންމާފައިވާ އެއާޕޯޓު އެޅުމަށް އެރަށުގެ ގިނަ ރައްޔިތުން ތާއީދުކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ފައިނުގައި އެއާޕޯޓު އަލާން އެރަށު ރައްޔިތުން ޤަބޫލު ނޫންކަމަށާ އެކަމުގައި ދަތިތަކެއް ހުރި ކަމަށް ބައެއް މިޑިޔާތަކުގައި ރިޕޯޓުކޮށްފައިވަނީކޮށް އެކަމަށް ރައްދުދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފައިނުގައި އެއަރޕޯޓް އެޅުމަކީ މީގެ 26 އަހަރު ކުރިން ސަރުކާރުން ކުރަން ރާވާފައިވާކަމެއްކަމަށެވެ.
ފައިނަށް އުފަން ބޭފުޅަކަށް ވެ ހުންނަވާ އެރަށުގެ ރައްޔިތުންގެ އިހްސާސުތައް ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީއަދި އެއީ ރަށުގެ ވަރަށް ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ އަދި މެޖޯރިޓީ ރައްޔިތުން ތާއީދުކުރާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އައިލެންޑް އޭވިއޭޝަނުން ފައިނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ބައްދަލުވުމަށް ރަށުގެ ވަރަށް ގިނަ ބަޔަކު ހާޒިރުވިކަމަށާއި، ކަންބޮޑުވުން ފާޅުކުރީ އެންމެ ތިން ފަރާތަކުންކަމަށެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރީ މަޝްރޫޢުގެ ކުރެހުން އިން ގޮތާމެދުކަމަށާއި، އެ ބައްދަލުވުމުގައި އެރަށުގެ ކައުންސިލުންވެސް ބައިވެރިވެފައިވާކަމަށެވެ. އެއިން އެއްވެސް ފަރާތެއްގެ ބަހެއް ނުހޯދާ، ބައެއް މީޑިއާތަކުން ފަތުރަމުންދަނީ މަދު ބަޔަކު ބޭނުންވާ ގޮތްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ފައިނުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހެވެ. މި މަޝްރޫޢަކީ ސިޓީ ހޮޓަލަކާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް 8 މިލިއަން ޑޮލަރު ޙަރަދުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ފައިނުގައި އެއަރޕޯޓް އެޅުމަށް ރަށުގެ ގިނަ ރައްޔިތުން ތާއީދު – މިނިސްޓަރ ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ