ކާރިސާތަކަށް ތައްޔާރުވުމަށާ މިފަދަ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ގދ ގައްދޫގައި އެމަޖެންސީ ޑްރިލްއެއް ބާއްވަން ނިންމައިފި އެވެ.
އެ ޖަމިއްޔާއިން ބުނީ މިއަދުގެ 14:00 އިން ފެށިގެން 16:00 އާ ދެމެދު ކުރިޔަށް ދާ މި ޑްރިލްގެ މަޤްސަދަކީ، ކުއްލި ހާލަތްތަކުގައި ރައްޔިތުން އަމަލުކުރާނެ ގޮތާއި، ކާރިސާތައް މެނޭޖްކުރުމުގައި ޢަމަލުކުރާނެ ގޮތްތަކަށް ހެދިފައިވާ ޕްލޭންތަކުގެ އަޖުމަ ބެލުން ކަމަށެވެ.
މި ޑްރިލްގައި ބެލޭނެ މައިގަނޑު ކަމަކީ، ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، އެ ޓީމުގެ އެންގުންތަކާ އެއްގޮތަށް ހާލަތަށް އިޖާބަދިނުމާއި، ރައްޔިތުންނަށް އަންގަން ޖެހޭ ކަންކަން ދުރަލާ އެންގުން ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެއެވެ.
ރެޑް ކްރެސެންޓުން ބުނީ މި ޑްރިލްގައި ކާރިސާއަށް އިޖާބަދިނުމުގައި މަސައްކަތް ކުރާ ޓީމުން މަސައްކަތް ކުރާނެ ދާއިރާތަކަކީ، ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމާއި، ސާރޗް އެންޑް ރެސްކިއުއާއި، އެކަމުގައި ރައްޔިތުން ހަރަކާތްތެރި ކުރުވުމުގެ އިތުރުން، ފުރަތަމަ އެހީ ބޭނުންވާ ފަރާތްތަކަށް އެ އެހީ ދިނުމުގެ ދާއިރާ ކަމަށެވެ.
އަދި، މި ޑްރިލްގައި، އަލިފާނުގެ ހާދިސާއަކާއި، ކަނޑުމަތީގެ ހާދިސާއެއްގައި ރައްޔިތުން ކަން ކުރާނެ ގޮތުގެ ޕްލޭންގެ އަޖުމަ ބެލުން އޮންނާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން މައޫލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ރެޑްކްރެސެންޓުން މައުލޫމާތު ދެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ މިއަދު މި ބޭއްވޭ ޑްރިލްއަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ދެކުނު އޭޝިޔާގެ ސަރަހައްދަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު، ކާރިސީ ހީރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް އިޖާބަ ދިނުމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ބޭއްވޭ ޑްރިލްއެއް ކަމަށެވެ.
ކާރިސާތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ގައްދޫގައި އެމަޖެންސީ ޑްރިލްއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ