ހުޅުޖެހި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ، ޕީޕީއެމް އިން މާލޭގައި ޖަލްސާތައް ބޭއްވުމަށް ބޭނުންކުރާ "ރުމާލު-2" ޖަގަހަ އަށް އިއްޔެ ރޭ ބަޔަކު ގެއްލުން ދިނުމާއި ގުޅިގެން މީޑިޔާ އަކަށް ދެއްވި އިންޓަރ ވިއުއެއްގައެވެ.
މި އިންޓަރވިއު ގައި ޚަލީލް ވިދާޅުވީ އިދިކޮޅުގެ ފިނޑިއަމަލުތަކުން ޕާޓީ ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ހުޅުޖެހި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ.
މި ހަމަލާ އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުއްވެރިކުރައްވާފައިވާއިރު، މީޑިޔާއިން، ރުމާލު-2" ޖަގަހަގައި ރޯކޮށްލުމުން ކުރީގެ ރައީސް ނަޝީދު އަދި އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރި ކުރީ ރަނގަޅު ނިޔަތެއް އޮވެގެން ތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ހުޅުޖެހުން ފަދަ ފިނޑިއަމަލުތަކުން އެ ޕާޓީ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ. އަދި ރައީސް ޔާމީނާ އެކު ގައުމާއި ރައްޔިތުން ދާނީ ކުރިއަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އިތުރަށް ވިދާޅުވީ، ގައުމުގައި ހުޅުޖަހަނީ ކޮންބައެއް ކަން ރައްޔިތުންނަށް އެނގޭ ކަމަށާއި، ރިޔާސީ އިންތިހާބުގައި އެ މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ. ޖަގަހާގައި ހުޅުޖެހި މައްސަލަ ކުށްވެރި ކުރީ އެއްވެސް އިހުލާސް ތެރިކަމެއް އަދި ރަނގަޅު ނިޔަތެއް އޮވެގެން ނޫން ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
"ރުމާލު-2" ޖަގަހަ އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ލިބެންޖެހޭނެ ކަމަށް ބުނެފައިވާއިރު، އިދިކޮޅު ޖުމުހޫރީ ޕާޓީން ބުނީ ޕީޕީއެމްގެ ރުމާލު-2 ޖަގަހައަށް ބަޔަކު ދިން ގެއްލުން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށާއި ޖަގަހާގައި ހުޅުޖެހީ ޕީޕީއެމުން އަމިއްލައަށް ކަމަށް ވެސް ވެދާނެ ކަމަށެވެ.
"ރުމާލު-2" ޖަގަހައިގައި އަލިފާން ރޯކޮށްލާފައި ވަނީ އިއްޔެ ރޭ ފަތިހު 04:10 ހާއިރު ކަމަށެވެ. ނަމަވެސް އަލިފާން ރޯކޮށްލިތާ ގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ޖަގަހަ އަށް ބޮޑު ގެއްލުމެއް ނުލިބުނީ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑްގެ ސަބަބުން ކަމަށް އެ ޕާޓީއިން މަޢުލޫމާތު ދެއްވިއެވެ.
ހުޅުޖެހި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ