ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ރޭންކިން ބުރުުގައި ރާއްޖެ އާއި ލަންކާގެ ކުރިމަތިލުމެއް

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުުގެ ކުޅުން ނިމުމަށް ފަހު، ސެމީ ފައިނަލުން ފުރުސަތު ގެއްލުނު ހަތަރު ގައުމުގެ މެދުގައި ކުޅޭ ރޭންކިން ބުރުގެ ފުރަތަމަ މެޗުގައި ރާއްޖޭން ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ. 
ކްލަސިފިކޭޝަން ރައުންޑްގެ ނަމުން ނަން ދެވިފައިވާ ރޭންކިން ބުރަށް ފަހު، މުބާރާތުގެ ފަސް ވަނައިން ފެށިގެން އަށް ވަނައާ ހަމައަށް ޓީމުތައް ތަރުތީބު ކުރެވިގެންދާނެ އެވެ.
އެ ގޮތުން، ކްލަސިފިކޭޝަން ބުރުގެ ފުރަތަމަ މެޗުގައި، މިއަދު ޕޫލް އޭގެ ތިން ވަނަ ހޯދި ކިރްގިސްތާނުން ކުޅޭނީ ޕޫލް ބީގެ ތިން މެޗުން ބަލިވި، ބަންގްލަދޭޝްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، ޕޫލް ބީގެ ތިން ވަނަ ހޯދި ލަންކާ އިން ބައްދަލުކުރާނީ ޕޫލް އޭގެ ފުލުން ނިންމި ރާއްޖެއާ ދެކޮޅަށެވެ. 
މުބާރާތުގައި މިހާތަނަށް ރާއްޖޭން ކުޅުނު މެޗުތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ ތިން މެޗުން ކިރްގިސްތާނާއި ނޭޕާލް އަދި އިންޑިއާ އަތުން ބަލިވީ 3-0 ސެޓުންނެވެ.
ކިރްގިސްތާން މެޗުގައި ސެޓުތައް ދިޔައީ، 25-19، 25-16 އަދި 25-22 އިންނެވެ. އިންޑިއާ މެޗުގެ ސެޓުތައް ނިމުނީ، 25-09، 25-14 އަދި 25-17 އިންނެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި ނޭޕާލުން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ، 25-12، 25-09 އަދި 25-20 އިންނެވެ. 
މި މުބާާރާތުގައި، ކިރްގިސްތާން އަތުން ރާއްޖެ ބަލިވި މެޗު ކުޅުނު ފަހުން، ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ރޭންކިން ސިސްޓަމްގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖެ ހިމެނުނެވެ. އެ ގޮތުން، ގައުމީ އަންހެން ވޮލީބޯޅަ ޓީމު އޮތީ ދުނިޔޭގެ 63 ވަނަ މަގާމުގެ އިތުރުން އޭޝިއާގެ 12 ވަނަ ޓީމުގެ ގޮތުގައި ރޭންކްކޮށްފަ އެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގެ ތިން މެޗުން ރާއްޖެ އަށް ކުރިމަތިވިވި ނާކާމިޔާބާ އެކު، މިހާރު ރާއްޖެ އޮތީ، 69 ވަނަ އަށް ވެއްޓިފަ އެވެ. ރާއްޖެއާ ދެކޮޅަށް މިއަދު ނުކުންނަ ލަންކާ އޮތީ 80 ވަނައިގަ އެެވެ. 
ރޭންކިން ބުރުގައި ދެން ކުޅޭ، ބަންގްލަދޭޝް 74 ވަަނައިގައި އޮތްއިރު، ކިރްގިސްތާން އޮތީ 68 ވަނައިގަ އެވެ. 
ރޭންކިން ބުރުގެ މިއަދުގެ މެޗުތަކަށް ފަހު މާދަމާ ކުޅޭނީ ދެ މެޗުން މޮޅުވާ ދެ ޓީމާއި ބަލިވާ ދެ ޓީމުގެ ދެ މެޗެވެ. 
ކާވާ ވިމެންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަަތަމަ މެޗުގައި އިންޑިއާ އާއި ކަޒަކްސްތާން ބައްދަލުކުރާއިރު، ދެ ވަނަ މެޗުގައި ނޭޕާލް ނުކުންނާނީ އިރާނާ ދެކޮޅަށެވެ. ސެމީ ފައިނަލް މެޗުތައް އޮތީ ބުރާސްފަތި ދުވަހު އެވެ. ފައިނަލް މެޗު އޮތީ ހުކުރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ