މައްކާ ވަރަށް ހޫނު، ހައްޖުވެރިން ކުޑަ ބޭނުންކުރަން އަންގައިފި
މައްކާގެ ފިިނިހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހޫނުވުމާ ގުޅިގެން ދިމާވެދާނެ ނުރައްކާތައް ކުޑަ ކުރުމަށް ހައްޖުވެރިން ކުޑަ ބޭނުން ކުރުމާއި އެނޫންވެސް ރައްކާތެރި ފިޔަވަޅުތައް އަޅަން ސައުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން ބުނީ ކުޑައިގެ ސަބަބުން ވަށައިގެންވާ ފިނިހޫނުމިން ގާތްގަނޑަކަށް 10 ޑިގްރީ ސެލްސިއަސް ދަށްކުރުމަށް އެހީތެރިވެދޭއިރު، ސީދާ އިރުގެ އަލިން އަންނަ ހޫނުން ދިމާވާ ވަރުބަލިވުމާއި ހީޓް ސްޓްރޯކް އަދި ހަށިގަނޑުގައި ފެން މަދުވުމުގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށެވެ. އަދި އަޅުކަމަށްފަހު ކުޑަ އެއްލާނުލައި، ރަނގަޅަށް ރައްކާކުރުމަށް ވެސް ހައްޖުވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ލަފާ ދީފައި ވަނީ 2026 ވަނަ އަހަރުގެ ހައްޖު މޫސުމުގައި މައްކާ އާއި ވަށައިގެންވާ ސަރަހައްދުތަކަށް ހޫނު ވައިރޯޅިތަކާއެކު އިންތިހާއަށް ހޫނުވާނެ ކަމަށް ސައުދީގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވަނިކޮށެވެ. މައްކާގައި ވޮލަންޓިއަރަކު ފެނާއި ކާއެއްޗެހި ހައްޖުވެރިންނަށް ބަހަނީ. ފޮޓޯ/އޭޕީ އަދި ދުވާލުގެ ވަގުތު ބިންގަނޑު ވަރަށް ބޮޑަށް ހޫނުވެދާނެ ކަމުގެ އިންޒާރުވެސް ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ދީފައެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ މީހުން ހޫނުން ރައްކާތެރިކުރުމަށް ފާއިތުވި އަހަރުތަކުގައި ސައުދީން ވަނީ ޖައްވު ފިނިކުރުމުގެ މަޝްރޫއު ފުޅާކޮށްފައެވެ. އެގޮތުން ގިނަ މަގުތަކެއް ހިޔާކޮށް، ފެން ސްޕްރޭ ކުރާ (މިސްޓް) ނިޒާމުތައް އިތުރުކޮށްފައިވެއެވެ. މީގެއިތުރުން ހައްޖުވެރިން ހޫނުން ސަލާމަތްކުރުމަށްޓަކައި މަސްޖިދުލް ޙަރާމްގެ ގޯތިތެރެ ފިނިކުރަން ދުނިޔޭގެ އެންމެ ވަރުގަދަ އެއާކޮންޑިޝަން ނިޒާމުތައް އަންނަނީ ބޭނުންކުރަމުންނެވެ. ބޮޑެތި ފަންކާތަކާއި، ބިންމަތި ފިނިކޮށް ބަހައްޓާ ނިޒާމުތައް ވަނީ ހަރުކޮށްފައެވެ. ޓްރަކްތަކުގައި ފިނިބުއިންތައްވެސް ގެންދަނީ ބަހަމުންނެވެ. ހައްޖުވެރިންނަށް އެހީވުމަށް 50،000 އަށްވުރެ ގިނި ސިއްޙީ މުވައްޒަފުންނާއި 3000 އެމްބިއުލާންސް ތައްޔާރުކޮށްފައިވާ ކަމަށްވެސް ސައޫދީ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މެދުއިރުމަތީގައި މިހާރުއޮތް ހަނގުރާމައިގެ ނުރައްކާ ހާލަތުގައިވެސް ހުކުރު ދުވަހުގެ ނިޔަަލަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ