މެމްބަރުން ހޮވަން ރައީސް ޔާމީން އެއްވެސް ހަރަދެއް ނުކުރޭ: މެމްބަރު ސައުދުﷲ

ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުނު ބާރަ މެންބަރުންނަށް މަޖިލީހުގެ ގޮނޑިތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮށްދެއްވިކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެން އެއީ އިތުރުފުޅެއްކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ބާރަ މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން ތިނަދޫގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދުދެއްވުމަށް ޕީޕީއެމްއިން ވަކިވި ބާރަ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ތިނަދޫ ދާއިރާގެ ދެ މެންބަރުން މަޖިލީހަށް ހޮވުމަށް ކުރެއްވި ކެމްޕެއިނަށް މާބޮޑު ހަރަދުތަކެއް ރައީސް ޔާމީނުކޮށްފައި ނުވާކަމަށެވެ. އަދި ކެމްޕެއިން ދަތުރުގައި މިނިސްޓަރުން ބައިވެރިވެވަޑައިގެން ނަމަވެސް ރައީސް ޔާމީންގެ އިތުރުން ނައިބް ރައީސް ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެމްބަރުންނާއި ދޭތެރޭގަ ރައީސް ޔާމީން ތިނަދޫގަ ދެއްކެވި ވާހަކައިގެ ތެރޭގަ ވިދާޅުވި ތިމަން މަނިކުފާނު އެތައް ހަރަދެއް ކުރީމޭ އެތައް ބަޔަކު ފޮނުވައިގެން ކެމްޕެއިންތައް ކުރީމޭ، އެކަނޑައެޅިން އިތުރުފުޅެއް އެހެއްދެވީ، އެއީ އެބޭފުޅާއި އަޅުގަނޑުމެންނަކަށް އެހާ ހަރަދުތަކެއް ނުކުރައްވާ، ހަމަކެރިގެން އަޅުގަނޑު މިދެންނެވިދާނެ އަޅުގަނޑުމެންނަކަށް ނުކުރައްވަ ހަރަދުތަކެއް. ހަމައެއާއެކީގަ އެކެމްޕެއިންނަށް ވަޑައިގެންނެވި އިސްބޭފުޅުންނަކީ ވެސް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން، ނައިބެއް ރައީސުލްޖުމްހޫރިއްޔާއެއް ވަޑައެއް ނުގަންނަވާ." ސައުދުﷲ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ، އެމްޑީޕީ އަދި ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވުން މެންބަރުން ވެސް ރައީސް ޔާމީނުގެ ފަހަށްފުޅުގައި މިހާރު ވެސް މަސައްކަތްކުރަމުން އަންނައިރު އެމީހުންގެ ގޮނޑިތައް ނުގެއްލުނީ ކީއްވެކަން ނޭނގޭކަމަށެވެ.
"އަޅުގަނޑުމެން ޕާޓީން އިން ކެނޑުނުއިރު އެއްވެސް ގާނޫނެއްގަ ނެތް ނުވަތަ ސްޕްރީމު ކޯޓުގެ އެއްވެސް ހުކުމެއްގަ ނެތް ޕާޓީން ކެނޑިއްޖެއްޔާމު އަޅުގަނޑުމެންގެ ގޮނޑި ގެއްލިދާނެކަމަށް ނޫނީ ގޮނޑިގެއްލޭނެކަމަށް.،" ސައުދުﷲ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ