ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީ އަށް މައުމޫން ގޮވާލައްވައިފި

ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީ އަށް ދީފައިވާ ދައުވަތު ގަބޫލުކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ގޮވާލައްވައިފި އެވެ.
ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުން މާލޭގައި ބޭއްވި މަހާސިންތާގައި އިއްވި، މައުމޫންގެ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޑރ. ވަހީދު އެކުލަވާލައްވާފައިވާ މަގު ޗާޓާ ބެހޭ ގޮތުން ކުރިއަށް ގެންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުންތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވެފައިވާތީ، މަރުހަބާ ވިދާޅުވާ ކަމަށެވެ.
މިހާރު ރާއްޖެ އިން ބޭރުގައި ހުންނެވި މައުމޫން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ބަސް އުފުލައި، މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ގެއްލިފައިވާ ޑިމޮކްރެސީގެ ހަރުދަނާ އުސޫލުތައް އަނބުރާ އިޔާދަކޮށް އަދި ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމްތައް ދަމަހައްޓައި، ނެތިގެން ގޮސްފައިވާ އަމާންކަން ގެނެސްދީ، އިގުތިސާދު އަލުން އާރާސްތު ކުރެވޭނީ، މިހާރުން މިހާރަށް ވެސް ސިޔާސީ އެއްބައިވަންތަކަމުގެ މާހައުލެއް ގާއިމްކޮށްގެން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ޕީޕީއެމުން ބައިވެރިވެފައި ވަނީ މި މުހިންމު ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރާތީ. ރާއްޖެ މިހާރު ކަޑައްތު ކުރަމުން މިދާ ނާޒުކު ދަނޑިވަޅުގައި، ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުރިހާ މަސައްކަތްޕުޅުތަކެއްގައި ޕީޕީއެމުން އެމަނިކުފާނަށް ފުރިހަމަ އެއްބާރުލުން އަރުވާނެ ކަމުގެ ޔަގީންކަން އަރުވަން. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވެފައިވާ ހުރިހާ ޕާޓީތަކަށް އަޅުގަނޑު މަރުހަބާ ކިޔަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ