ޕާޓީން ވަކިވުމުން ކައުންސިލް ގޮނޑި ގެއްލޭ މާއްދާ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕާޓީއެއްގެ ފަރާތުން ލޯކަލް ކައުންސިލްގެ މެންބަރަކަށް ހޮވިފައިވާ މީހަކު އެ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މާއްދާ ބާތިލް ކުރުމަށް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް ދުސްތޫރީ ގިނަ މައްސަލަތަކެއް ހުށަހަޅައި ކާމިޔާބު ކޮށްފައިވާ ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ހުށަހެޅި އެ ދައުވާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ފަރާތެއް އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރުން ކަމުން ވަކިވާނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ 119 ވަނަ މާއްދާގެ ބ. ގައި ބުނެފައިވާ ކަމަށެވެ. އެ ދައުވާގައި ބުނެފައި ވަނީ އެ މާއްދާއަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އާއި 26 ވަނަ މާއްދާގެ ނ. އާއި 30 ވަނަ މާއްދާގެ ހ. އާ ހިލާފް ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ އެ މީހަކު އަމިއްލަ އަށް ނުވަތަ އިހްތިޔާރު ކުރާ މަންދޫބެއް މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށެވެ. އަދި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ކައުންސިލްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައި މާއްދާއަކީ އެ ހައްގަށް ހުރަސްއެޅޭ ގޮތަށް އޮތް މާއްދާއެއް ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި، ހަރަކާތްތެރިވެ އުޅުމުގެ ހައްގު ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން ލިބިދީފައިވާއިރު އެ ހައްގު ލާމަރުކަޒީ ގާނޫނުގެ .119 ވަނަ މާއްދާގެ ބ. އިން ހަނިކޮށްފައިވާ ކަމަށް އެ ދައުވާގައިވެ އެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނި ކުރެވޭނެ ގޮތްތައް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އެގޮތުން އެފަދަ ހައްގެއް ހަނި ކުރެވޭނީ މަޖިލީހުން ފާސް ކުރާ ގާނޫނެއްގެ ދަށުން މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލު ކުރާ ފަދައިން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް އެ ދައުވާގައިވެ އެވެ. ނަމަވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ލާމަރުކަޒީ ގާނޫނުގެ .119 ވަނަ މާއްދާގެ ބ. އިން ހިފަހައްޓާފައި ވަނީ ޑިމޮކްރެޓކް ގައުމުތަކުގައި އަމަލު ކުރާ އުސޫލާ ހިލާފަށް އެއަށްވުރެ މާ ހަރުކަށިކޮށް ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
އެ ދައުވާގައި ބުނެފައި ވަނީ އަސާސީން ލިބިދީފައިވާ އަސާސީ ހައްގަކާ ތައާރަޒްވާ ގޮތަށް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނަމަވެސް އޮތް ނަމަ އެ ތައާރަޒްވާ މިންވަރެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ