ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން، މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވީ، ސިއްޙީ އެކި ކަހަލަ އުނދަގޫތަކަކާ ކުރިމަތިލާންޖެހިގެން ކަމަށްށެވެ.
މި ވަގުތު އިތުރަށް ދޭނެ ތަފްސީލެއް ނެތްކަމަށް ބަންގްލަދޭޝްގެ ނިއުސް މީޑިއާއެއް ކަމަށްވާ "ދަ ޑެއިލީ ސްޓާރ" ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވިއެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ހިފައިގެން މަންދޫބުން ވަނީ ބަންގަބަބަން (ރައީސް އޮފީސް) އިން މަޖިލީހަށް ދިއުމަށް ނުކުމެފައިކަމަށް، ގިނަ މަސްދަރުތަކަކުން 'ދަ ޑެއިލީ ސްޓާ' އަށް ރިޕޯޓުކުރެއެވެ.
މި އިސްތިއުފާ މިއައީ، މި އަހަރުގެ މޭ މަހު ސިއްޙީ ފަރުވާއަކަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައި، މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ.
ޝަހާބުއްދީން ލަންޑަނަށް ވަޑައިގެންނެވީ މޭ 9 ގައެވެ. އަދި އެނބުރި ވަޑައިގެންނެވީ މޭ 18 ގައެވެ. އަދި ހަސީނާ އޮގަސްޓް 2024 އިން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައި އަމިއްލަފުޅަށް އަރުވާލެވިގެންނެވެ.
މުޙައްމަދު ޝަހާބުއްދީން ބަންގްލަދޭޝްގެ 22 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީ 24 އެޕްރީލް 2023 ގައެވެ. އޭނާއަށް މަގާމުގެ ހުވާލައިދެއްވީ އޭރުގެ މަޖިލީހުގެ ރައީސާ، ޝިރީން ޝަރްމީން ޗައުދުރީއެވެ. އޭނާއަކީ އޭރު ވެރިކަން ކުރި އަވާމީ ލީގުގެ ކެންޑިޑޭޓެވެ. އަދި 13 ފެބްރުއަރީ 2023 ގައި އޭނާ އިންތިޚާބުވީ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނަން ހުށަހަޅާފައި ނުވާތީ، ޝަހާބުއްދީން މަގާމަށް ހުވިފައިވަނީ ވާދައަކާ ނުލައެވެ.
މިނިވަންކަމުގެ ހަނގުރާމަވެރިއެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި ޝަހާބުއްދީން، 2006 ވަނަ އަހަރު ރިޓަޔާ ކުރެއްވީ ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖެއްގެ މަގާމުންނެވެ. މީގެއިތުރުން، 2011 އިން 2016 އަށް އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮމިޝަނަރުކަންވެސް ކުރައްވާފައެވެ.
ޝަހާބުއްދީން ވަނީ ޕަބްނާ އެޑްވަރޑް ކޮލެޖްގެ ޗާޓްރާ ލީގު ގޮފީގެ ޖެނެރަލް ސެކްރެޓަރީކަމާއި، ޕަބްނާ ޑިސްޓްރިކް ޗާޓްރާ ލީގާއި ޖޫބޯ ލީގުގެ ރައީސްކަން ކުރައްވާފައެވެ. މީގެއިތުރުން އޭނާއަކީ ބަންގްލަދޭޝް ކްރިޝަކް ސްރާމިކް އަވާމީ ލީގު (ބަކްސާލް) ގެ ޑިސްޓްރިކްޓް ގޮފީގެ ޖޮއިންޓް ސެކްރެޓަރީއާއި، އަވާމީ ލީގުގެ ޑިސްޓްރިކްޓް ގޮފީގެ ޕަބްލިސިޓީ ސެކްރެޓަރީވެސްމެއެވެ.
އަދި މިހާރު ހަރަކާތްތައް މަނާކޮށްފައިވާ އަވާމީ ލީގުގެ އެޑްވައިޒަރީ ކައުންސިލްގައިވެސް ޝަހާބުއްދީން ޚިދުމަތް ކުރެއްވިއެވެ.
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ