ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދު ހުޅުވާލައިފި، މިހާރު ވަރަށް ހިތްފަސޭހަ!

މާޅޭ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ. މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ މިއަދު ހަވީރުން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު އެއްކޮށް މިހާރު ހުޅުވާލާފައި ވާއިރު އެ މަގުގައި ޕާކުކުރުމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި އާންމުންގެ ރައްކާތެރި ކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވާތީ ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދިބައިގައި ދިވެހި ރުއް އިންދާފައި -- ފޮޓޯ: އިބްރާހީމް ޝުޖާއު މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތި ތަރުތީބުކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ދިވެހި ރުކާއި ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތައް ވަނީ އިންދައިފައެވެ. https://x.com/PoliceMv/status/2080613852182655034 ސަރުކާރުން ބުނީ އެ ސަރަހައްދުގައި ގަސް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިވެހި ރުއް އިންދާފައި ވާއިރު މީގެ ކުރިން މާލޭގައި ކަދުރު ރުއް އިންދުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މާލެ ފެހިކުރުމުގެ ނަމުގައި ކުރިއަށްގެންދިޔަ "އެއް ލައްކަ ގަސް" ޕްރޮގްރާމުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދިއެވެ. https://sun.mv/225032 ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ