ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގަމުގެ އެއާޕޯޓުން ލިބެން އެބަހުރި: ރީޖަނަލް އެއާޕޯޓްސް

ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއްހެން މިހާރު ވެސް ގަމުގެ އެއާޕޯޓުން ލިބެން އެބަހުރި ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހަންމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
"އިންޓަނޭޝަނަލް އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ކަމެއްހެން ވަނީ ކޮށް ނިމިފައި. ބޯޓުން މުދާބާލާ ހައިލޯޑަރެއް އެކަނިމަދީ. އޭތި ކުރިއަށް އޮތް ހަފްތާގައި ގަމުގެ އެއާޕޯޓުގައި އޮންނާނެ،" ޓުއަރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ގަމުގެ ދޫގަހުގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވި އެވެ. "އިންޓަނޭޝަނަލް އޮޕަރޭޝަނަށް ބޭނުންވާ އަލިފާން ނިއްވާ ލޮރީ ދެ ހަފްތާކުރިން ވަނީ ގަމަށް ގެނެސްފައި. ބައިނަލް އަގްވާމީ ދަތުރުތަކަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން ކުރަމުން މިދަނީ އެއާޕޯޓްސް ކޮމްޕެނީގެ ވަރަށް ބޮޑު އެހީތެރިކަމާއެކު."
އައްޑޫގައި ހަދާ ފުރަތަމަ ރިސޯޓް، ހެރެތެރެއަށް އަންނަ ޓުއަރިސްޓުން ޖަރުމަނުން އައްޑުއަށް ނޮވެމްބަރު ހަތެއްގައި ބޮއިން 757 މަރުކާގެ އުދުހޭ ބޯޓެއްގައި އަންނާތީ ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް ގަމުގެ އެއާޕޯޓް ހުޅުވުމުގެ ހުއްދަ ހޯދުމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ސިވިލްއޭވިއޭޝަނަށް ލިއެފައެވެ.
" އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިފައިވާތީ އެ ހުއްދަ ވަރަށް އަވަހަށް ލިބޭނެކަމަށް މިބެލީ،" ރީޖަނަލް އެއާޕޯޓްސްގެ ބޭފުޅަކު ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ގަމުގެ އެއާޕޯޓަށް މިހާރުން މިހާރަށް ބޭނުންވާ ތަކެތީގެ އިތުރަށް ބޭނުންވާ ބައެއް ވެހިކަލްތައް ރާއްޖެ އިން ބޭރުން ހޯދުމުގެ މަސައްކަތް ވެސް އެތަނުން ކުރައްވަމުން އެބަ ގެންދަވަ އެވެ.
"އެތަކެތި އަންނަ އަހަރުގެ ތެރޭގައި ލިބޭނެ. އަޅުގަނޑުމެން މިތިބީ ބައިނަލްއަގްވާމީ ދަތުރުތައް ފަށަންވާއިރަށް ބޭނުން ހުރިހާ ކަމަކަށް ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ