މަސީހުއަށް އިތުބާރެއް ނެތް، އިސްތިއުފާ ދޭންޖެހޭ - މެމްބަރު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަށް އިތުބާރެއް ނެތްކަމަށާއި، މަސީހު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
މެމްބަރު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުޑުފުޑުކޮށްލަން ޖާގަ ނުދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސަށް މިހާރު އިތުބާރު ނެތްކަމަށް އަބްދުﷲ ވިދާޅުވިއެވެ.
މެމްބަރު އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ލިސްޓުގައި ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ހުށަހަޅާފައިވަނި 45 މެމްބަރުން ސޮޔާއެކުއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ޖަލްސާތަށް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ