ގޮނޑި ގެއްލުނަސް ފަހަތަކަށް ނުޖެހޭނަން : މެމްބަރު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން ވޯޓު ދެއްވައިގެން ގޮނޑި ގެއްލުނަސް މައްސަލައެއް ނެތް ކަމަށާއި ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަކުން އަޅުގަނޑު ކުރާ މަސައްކަތަށް އިތުރު ބަދަލެއް ނާންނާނެ. މަސީހް ވަކި ކުރުމުގެ މައްސަލާގައި ނަގާ ވޯޓުގައި ބައިވެރިވެ މަސީހް ވަކިކުރަން ވޯޓު ދޭނަން،" އާއި ވާހަކަ ދައްކަމުން އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ހުންނަވައިގެން " މިހާރު " އާ ވާހަކަ ދައްކަމުން އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައިވާއިރު އެ ހުކުމަކީ ގާނޫނުއަސާސީގެ ދުސްތޫރު ގެއްލިގެން ދިޔަ ހުކުމެއް ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ހުރިއިރު، ވަކި ބަޔަކަށް ގޮނޑި ގެއްލުމުގެ ބާރު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޯޓުގެ އެ ހުކުމާއިމެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"ޒުވާނުން ގައުމުގައި ހިދުމަތް ކުރަން އައީމަ، ކޮންކަމެއްތޯ ކުރެވޭނީ؟ އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމަ މަޖިލީހުގެ ބާރުތައް ހަނި ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ