އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެވިދާނެ ތާރީހުތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.
އޭސީސީ އިން ކުރާ ތަޙްޤީޤަކަށް ރައީސް މައުމޫންގެ ބަޔާނެއް ނަންގަވަން އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ބަޔާން ނެގުމަށް ރައީސް މައުމޫން އެ ކޮމިޝަނަށް ހާޒިރުނުކުރައްވާނެ ކަމަށާއި އެ ބަޔާން ނެގުމަށް ރައީސް މައުމޫން ހުންނެވި ތަނަކަށް އޭސީސީގެ މުވައްޒަފުން ވަޑައިގަންނަވާނީ ކަމަށް އެކޮމިޝަންގެ ރައީސް ހަސަން ލުތުފީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނު ހުންނެވި ތަނަކަށް އެ ކޮމިޝަނުން ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އޭސީސީ އަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އަދި އެ ކޮމިޝަނަށް ރައީސް މައުމޫން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މި މަހުގެ ހަތަރެއް ނުވަތަ ފަސްވަނަ ދުވަހުން ކުރެ ދުވަހެއްގެ މެންދުރު 13:00 އަށް އޭސީސީއަށް ހާޒިރުވެވިދާނެ ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި މައުމޫން ހަމީދުވެސް ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ބަޔާނެއް އޭސީސީ އިން ނަގަން ބޭނުން ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށް 2008 ގެ ރިޔާސީ އިންތިޙާބު ކައިރި ވެފައި ވަނިކޮށް އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވެއެވެ.
އެމައްސަލަ ތަޙްޤީޤުކޮށް ރައީސް މައުމޫނާއި ދެކޮޅަށް ދައުވާ އުފުލުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެތަޙްޤީޤު އޮތީ މަޑުޖެހިފައެވެ.
ޤާނޫނު ބުނާ ގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވާ ރިޕޯޓަކަށް މީހެއްގެ މައްޗަށް ދައުވާ އެއް ނުކުރެވޭނެއެވެ. ޖިނާއީ ދައުވާއެއް އެއްވެސް މީހެއްގެ މައްޗަށް ކުރެވޭނީ ޖިނާއީ ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން މައްސަލަ ތަޙްޤީޤު ކުރުމަށް ފަހު އެވެ. އޭސީސީ އަކީ ޖިނާއީ ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެކެވެ.
އޭސީސީއަށް ހާޒިރުވެވިދާނެ ތާރީޚުތަށް ރައީސް މައުމޫން އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ