ކުނޫޒުގައި އިދިކޮޅު ޖަލްސާއެއް، މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާ

ކުނޫޒުގައި މިރޭ އިދިކޮޅު ފަރާތްތަކުގެ ހާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން ވީޑިއޯ މެދުވެރި ކުރައްވާ ޖަލްސާގެ ބައިވެރިންނާ މުހާތަބު ކުރައްވާނެ ކަމަށާއި ޖަލުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ ފަރާތުން ވެސް މެސެޖެއް ހުށަހެޅުން އޮންނާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ޖަލްސާއެއް ބާއްވާ އިރު މިއަދު ވަނީ 45 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައެވެ.
މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ސަރުކާރަށް ނިސްބަތްވާ ނުވަ މެންބަރަކު ސޮއި ކުރައްވާފައިވެއެވެ. ނަމަވެސް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުވަނީ އޭނާގެ ނަމުގައި ކޮށްފައިވަނީ ސައްހަ ސޮއެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކުނޫޒުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާ އިރު މިއީ އިދިކޮޅު އެފަދަ ބޮޑު ޖަލްސާއެއްގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ