މިނިވަން 50 ގެ އުފާވެރި މޫސުން ފާހަގަކުރެވުނީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި - ރައީސް

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކަކީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ހިންގުނު ހަރަކާތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ކަމުވޮށިގެންވާ ބޭފުޅުންތަކެއް ޕީޕީއެމްއަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އިތުރަށް ބެހެން ޖާގަނު ލިބި އަޅުގަނޑުމެން މިނިވަން 50ގެ އުފާވެރި މޫސުމެއް ނިންމާލުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
އަދި ފާއިތުވެދިޔަ ދުވަސްތަކަކީ ބޭރުގެ ފަރާތްތަކަށް، އަޅުގަނޑުމެންގެ ސިޔާދަތާއި ކުޅެލުމަށް ޖާގަ ދެވިގެން ދިޔަ ދުވަސްތަކެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިނިވަން 50 މި ފާހަގަކުރީ ދާހިލީ މިނިވަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ދެތިން އަހަރެއް ކަޑައްތުކުރުމަށްފަހުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިނިވަން 50 ފާހަގަކުރަމުންދާއިރު މި މިނިވަން 50 ގެ ފަހު ދެ އަހަރު ދިޔައީ މިނިވަންކަން މަތީ އަޅުގަނޑުމެން ތިބުމަށް އެހާ ހިތްމަޖެހިގެން ނުވަތަ އެހާ ފަހުރުވެރިވާ ގޮތަކަށް ނޫން،" ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ގޮތުން ކޮންމެ ގޮތަކަށް ހިޔާލު ތަފާތުވި ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން ދިވެހިރާއްޖޭގެ ސިޔާދަތަކަށް ރާއްޖޭގެ ދާހިލީ ކަންކަމަކަށް ބޭރުގެ ފަރާތްތަކުގެ ބުނުންތަކަކަށް ޖާގަ އޮންނަންވާނެ ކަމަކަށް،" ރައީސް އިތުރަށް ވިދާޅުވިއެވެ.
ތާރީހު ލިޔާއިރު ލަދުވެތިވާރަށް ދިވެހި ސިޔާދަތަށް ބޭރުގެ ފަރާތްތަކުން ބެހުނަ ދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިޔާދަތަށް މި ދެތިން އަހަރު މިއައި ގޮންޖެހުންތަކާއި ފިއްތުންތަކުގެ ފަހަތުގައިވެސް ހަމަ ދިވެހިން ތިބީ، ރާއްޖޭގެ ސިޔާދަތާ ކުޅޭކަށް، ރާއްޖޭގެ ދާހިލީ ކަންކަމާ ކުޅޭކަށް ބޭރުގެ ފަރާތްތަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން، ބޭރުގެ މުއައްސަސާތަކަށް އަޅުގަނޑުމެން ޖާގަ ދޭކަށް ނުޖެހޭ،" ރައީސް ވިދާޅުވިއެވެ.
މިނިވަން 50 ގެ ހަރަކާތްތައް ނިންމާލެވިފައިވަނީ އުފާވެރިކަމާއެކު ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުވަހަކު ނުފެންނަ ފަދަ ޝުއޫރުތަކެއް ކުޑަކުދިންނާއި ޒުވާނުންގެ ފަރާތުން ފެނިފައިވާ ކަމަށާއި މި ހަރަކާތްތަކުން ފެނިގެން ދިޔަ މަންޒަރަކީ ރާއްޖޭގައި ހަމަޖެހުން އޮންނަން ބޭނުންވާ މިންވަރު ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ