މުއިއްޒު ވެރިކަމަށް އެރީއްސުރެ ހަދަނީ ދޮގެވެ. ޖަހަނީ އުނބަށެވެ. ބަހަނީ ރިޝްވަތެވެ. ހިންގަނީ ސްކޭމެވެ. ކުރަނީ ވައްކަމެވެ. ވަނީ ހިޔާނާތްތެރިއެވެ. ބާރުތައް އެއްކޮށް މުޅި ދައުލަތް މުށައްލައިފިއެވެ. އިސްރާފާއި ކަންދެއްކުމުގައި ސުމާރެއް ނެތެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
އަދުލު އިންސާފް އޮޔާލާ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގައި ހައްދެއް ނެތެވެ. ދީން އައްޑަނައަކަށް ނަގައިގެން ހުރާފާތާއި ގައުމިއްޔަތު ގުޅުވައިގެން އެތައް އަހަރެއްގެ ފަހަތަށް ގައުމު ދުއްވާލައިފިއެވެ. ޑިމޮކްރެޓިކް ހަމަތައް މުލުންލުހެލާ ގާނޫނުގެ ހުކުމަކީ ވިދާޅު ބަސްފުޅަށް ހަދައިފިއެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
އަންޑަރވޯޓަރ ޓަނަލުން ފެށިގެން އަވާމެންދުރު ވައުދުތަކުގައި ރައްޔިތުން ޖައްސާ ހަނާކޮށްފިއެވެ. ދައުލަތުގެ ހަޒާނާ ފޮރިބުއި މަސްގަނޑަކަށް ހަދައިފިއެވެ. ސަރުކާރުގެ މަތި ބަރުކަމުން ގައުމުގެ މައިދާ އޮތީ ނެއްޓިފައެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
މަތިމައްޗަށް ދަރާވިކެނީއެވެ. ދިއްލުނުހާ ފެހި ސިގުނަލްތައް ރަތްވެ ކަނި ބުރަނީއެވެ. ގެއްލުނު ކަނޑެއް ފޯޅަވައްސެއް ނުހޯދުނެވެ. ގެރިގޮރު މީރުވެ ސިޔާދަތުގެ ފަލަ ރަތް ރޮނގު ފޭދި ގެއްލިއްޖެއެވެ. ސަރުކާރުން ކިއްލި ވިއްކާ ހިސާބަށް އިގުތިސޯދު ވެއްޓި ޑޮލަރުގެ އަގު އާސްމާނަށް އަރައިފިއެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
ވިޔަފާރި ވެރިންނާ ޖަދަލުކޮށް ވިޔަފާރިތައް ފުޑާލަނީއެވެ. އާސަންދަ އައިވީ ތިއްކަކަށް ބަދަލު ކޮށްފިއެވެ. އެކިނަން ނަމުގައި ނަގާ ޓެކްހާއި ފީތައް ނެގުމުގައި ރޯމާ ދުވާލު ޓެކެނީއެވެ. ހަތިޔާރާއި ތެލުގެ ވަގު ވިޔަފާރިއަށް ގައުމު ވައްދަނީއެވެ. ސްމަގުލް ކުރުމާއި އިންސާނީ ވަގުފާރީގައި ވެރިން އުޅެނީ ދަނޑިމަތި އަނބުރާލާފައެވެ. ފާޅުގައި ސަރުކާރު ތެރެއިން ސްކޭމް ހިންގާ ވައްކަމުގެ މަހާ ވިއުގައަކަށް މުޅި ސަރުކާރު ބަދަލުކޮށް ލައިފިއެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
މިނިވަންކަމާއި އެކު ވޯޓުލުމާއި ހިޔާލު ފާޅުނުކުރެވޭ ވަރަށް އަޅުވެތިކުރިވައިފިއެވެ. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. ޖަވާބުދާރީވުމާއި ޗެކް އެންޑް ބެލެންސަކީ މުއިއްޒު ދަންނަ އެއްްޗެއް ނޫނެވެ. އިންސާފު ހޯދަން ދާނެ ތަނެއް ނެތެވެ. އެކަމަކު ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމަކަށްވުރެ މުއިއްޒުގެ ގޮތްނެތް ވެރިކަން އަންނިއަށް މާރަނގަޅެވެ.
ގައުމުގެ ވަކިކަމެއް ނެތި ހުރިހާ ކަމެއް ހަރާބުގެ މަގަށްއެޅި ހަފުސްވާއިރު ހިތްތަކުގެ ރައީސް ހުންނެވީ އިހުސާސް ކެނޑިފައެވެ. މުއިއްޒު ހިންގާ ޖަރީމާތަކަށް ދީގެން ހުންނެވީ ބީރު ކަންފަތެކެވެ. ގައުމުގެ ހާލަތާމެދު ބައްލަވަނީ ކަނު ލޮލަކުންނެވެ. ހައްގުބަސް ވިދާޅުވެވޭ ވަރަށްވުރެ ބޮޑަށް މަންމަނެވެ. ބޮޑުވަޒީރު ކަމުގެ ހަސަދައިގައި ތިމާއަށް ނެތް އެމްޑީޕީގެ ވެރިކަމެއް އޮތުމަށްވުރެ ޑިމޮކްރަސީގެ ކުލަވެސް ނެތް މުއިއްޒުގެ ހުދުމުހުތާރު ވެރިކަން އަންނިއަށް މާ ރަނގަޅެވެ.
ތިމާއަށް ނެތް އެމްޑީޕީ ވެރިކަމަކަށްވުރެ މުއިއްޒު ވެރިކަން އަންނިއަށް އޯކޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ