ޖޯކޮވިޗް ބަލިކޮށް ސިނާ ފައިނަލުން ޖާގަހޯދައިފި
އަހަރުގެ ދެވަނަ ގްރޫން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ސިނާ ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގައި މިމުބާރާތުގައި ހަ ވަނައަށް ސީޑު ކުރެވިފައިވާ އަދި މިމުބާރާތުގައި ކުޅެމުންދާ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޯވަކް ޖޯކޮވިޗްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ސިނާ ކާމިޔާބު ކުރި އިރު ދެވަނަ ސެޓު ސިނާއަށް ކާމިޔާބު ކުރެވުނީ ހަތެއް ފަހަކުންނެވެ. އަދި ފަހު ސެޓު ހައެއް ހަޔަކުން އެއްވަރުވެ ޓައި ބްރޭކަކަށް ގޮސް ސިނާ ކުރި ހޯދީ ހަތެއް ތިނަކުންނެވެ. މިއީ އުމުރުން 38 އަހަރުގެ ޖޯކޮވިޗް ފްރެންޗް އޯޕަންއިން ފެންނާނެ ފަހު ފަހަރު ކަމަށް ވެދާނެތީ އޭނާ ވަނީ މެޗަށް ފަހު ސަޕޯޓަރުންނަށް އަލްވަދާއު ކިޔައި ހަނާ އަޅާފައެވެ. މިއީ ސިނާ އަތުން ޖޯކޮވިޗް ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފަހަރެވެ. މިމެޗުގައި ޖޯކޮވިޗްއަށް ސިނާގެ މައްޗަށް ކުރި ނުހޯދުނު ނަމަވެސް އޭނާވަނީ އެންމެ މަތީ ފެންވަރުގައި އަދިވެސް ކުޅެވޭނެކަން ދައްކުވައިދީފައެވެ. މިކާމިޔާބީ އާއެކު ފްރެންޗް އޯޕަންގެ ފައިނަލުން ސިނާ ޖާގަހޯދާފައިވާއިރު ފައިނަލްގައި އޭނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއެވެ. މިމުބާރާތުގެ ފައިނަލުން އަލްކަރާޒް ޖާގަހޯދީ ސެމީ ފައިނަލްގައި އިޓަލީވލާތުގެ ލޮރެންޒޯ މުސޭޓީއާ ބައްދަލުކުރި މެޗުގެ ހަތަރުވަނަ ސެޓުގެ ދެ ގޭމް ކުޅެނިމުމާއެކު މުސޭޓީއަށް އަނިޔާވެ މެޗު ހުއްޓާލަން ޖެހުމުންނެވެ. މިމުބާރާތުގައި އެންމެ މަތިން ސީޑު ކުރެވިފައިވާ ދެ ކުޅުންތެރިންގެ މެދުގައި ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ