އަލިމަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުން އުމަރު ބައިވެރިވެވަޑައިގަންނަވަނީ

ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ރޭ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަލީ ޢުމަރު މަނިކު (ކޮލި އަލިމަނިކު) ގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އަލިމަނިކު ރޭ ސިންގަޕޫރުގައި އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރުފުޅެވެ.
އަލިމަނިކު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ޢަލިމަނިކު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑޮކްޓަރ މުޙައްމަދު ޢަލީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޢަލީ ޢުމަރު މަނިކަކީ، ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު މިދެކޭ ތަރައްޤީގައި މުހިއްމު ޙިއްޞާއެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ރާއްޖޭގެ މިޒަމާނުގެ އިޤްތިޞާދު ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި ރާއްޖޭގެ މިހާރުގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ